ޚަބަރު

އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވަން އެއްބަސްވެއްޖެ


އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވި އެކޮމިޝަނުންގެ ރައީސް އަލްޢުސްތާޛް އާދަމް ޝާމިލްއެވެ. އަދި މޯލްޑިވްސް އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިންއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ މެންބަރު އަލްއުސްތަޒާ ޝިޔާމާ މުޙައްމަދު ވިދާޅުވީ، މި އެއްބަސްވުމުގެ ބޭނުމަކީ، އޭސީސީގެ ތަހުގީގަށް މައުލޫމާތު ހޯދުމުގައި، އިމިގްރޭޝަންގެ ޑޭޓާ ބޭސްތަކަށް ކަނޑައެޅޭ ވަކި ހުދޫދެއްގެ ތެރެއިން އޭސީސީން ފުރުޞަތު ހޯދުންކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލަތްތައް ކޮމިޝަނަށް ހުށައަޅާ ހާލަތުގައި އަޅުގަނޑުމެން އެޓެންޑް ކުރަންޖެހޭ. އަޅުގަނޑުމެން އެފަދަ ތުހުމަތުތައް ދިރާސާ ކުރުމަށްފަހު އެކަމުގައި، ތުހުމަތެއްނެތް ނަމަ ރަޖިސްޓްރީ ނުކުރާނެ. ތަފާތު އެކި ތުހުމަތުތައް ކުރެވޭއެކި ދާއިރާތަކުން މައްސަލަތައް ހުށައަޅާ. އޭގެތެރޭގައި އިމިގްރޭޝަންގެ ދާއިރާއާއި ގުޅޭގޮތުންވެސް އޭސީސީއަށް މަައްސަލަތައް ހުށައެޅޭ." ޝިޔާމާ މުޙައްމަދު ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލޯ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމަކުން ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ކޮންޓްރޯލަރ ވިދާޅުވީ، ކޮންމެ މުއައްސަސާއެއްގެވެސް އެންމެ މުހިންމު ކަމަކީ ނަޒާހަތްތެރިކަމާއިއެކު ޤާނޫނާއި ޤަވައިދުތަކަށް ހުރުމަތްތެރިކޮށް މަސައްކަތްކުރުންކަމަށެވެ. ޚާއްސަ ގޮތެއްގައި އަދުލު އިންސާފުން މަސައްކަތް ކުރުމުން އެ މުއައްސަސާއެއް ކުރިއަރާދާނެކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.

"ނަޒާހަތްތެރި މީހަކު ޤާނޫނޫ އަސާސީއަށް އިޙްތިރާމްކުރާނެ. އެ މުއައްސަސާއެއްގައި ހެދިފައިވާ ޤާނޫނާއި، ޤަވައިދަށް ނަޒާހަތްތެރި މީހަކު އިހްތިރާމްކުރާނެ. ދިހެވި ރައްޔިތުން އޭނައަށް ހަވާލުކުރެވިފައިވަ މަސްއޫލިޔަތުތަކަށް އިޙްތިރާމް ކުރާނެ. އެހެންވީމަ ނަޒާހަތްތެރިކަން ފެށެނީ އިޙްތިރާމުން." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.


އޭސީސީއާއި އިމިގްރޭޝަނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭސީސީން ކުރަމުން ގެންދާ ތަޙުޤީޤުތަކާ ގުޅިގެން އެކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ވިޔަނުދިމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަޤްޞަދު ޙާޞިލުކުރެވޭނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެކަމަށް އޭސީސީން ވިދާޅުވިއެވެ.