ޚަބަރު

ފޯކައިދޫގައި އިންޑިއާގެ އެހީގައި ތަރައްޤީކުރި އިޖްތިމާޢީ މަރުކަޒު ހުޅުވައިފި


ށ.ފޯކައިދޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކުރި ކޮމިއުނިޓީ ސެންޓަރ ނުވަތަ އިޖްތިމާޢީ މަރުކަޒޔ ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސްބްރަމާނިއަމް ޖައިޝަންކަރެވެ.

ފޯކައިދޫގައި ހުޅުވި ކޮމިއުނިޓީ ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރެވިފައިވާ ސެންޓަރެކެވެ. މިއީ މި ސްކީމްގެ ދަށުން ނިންމި 21 ވަނަ މަޝްރޫއެވެ. މި މަޝްރޫޢުއަށް ވަނީ 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމިއުނިޓީ ސެންޓަރު ހުޅުވުމަށް ފޯކައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި ސެންޓަރާއިއެކު ފޯކައިދޫގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ، ސެންޓަރުގެ ސަބަބުން ފޯކައިދޫގެ އިޖްތިމާޢީ ގުޅުން ވަރުގަދަވެގެންދާނެކަމަށް ވިދާޅުވެ، އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާތައް ބޭއްވުމުގެ ފުރުސަތު ކައުންސިލަށް ލިބިގެންދާނެކަމަށެވެ.

“މި އިމާރާތް އަބަދުވެސް އަޅުގަނޑުމެން ކުރިމަތީގައި ހުންނާނީ ފޯކައިދޫގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޙްވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި. މި އިމާރާތް އަބަދުވެސް ދެމިހުންނާނީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިއާއާއި ދޭތެރޭ އޮތް ގާތްކަމުގެ ރަމްޒެއްގެ ގޮތުގައި. އަޅުގަނޑަށް އިނގޭ މި އިމާރާތް މިއަދު ހުޅުވިގެންދާއިރު އިމާރާތައް ބޭނުންވާ ބައެއް ސާމާނު އަދި ނެތްކަން ތިބޭފުޅުންނަށް ބޭނުންވާ ސާމާނުތައް ހޯދައިދިނުމުގައި އަޅުގަނޑު ހަމަ އިހެކޭވެސް އެއްފަދައިން ހުންނާނަން. އިރާދަކުރެއްވިއްޔާ މި އިމާރާތައް ބޭނުންވާ ހުރިހައި އެއްޗެއްވެސް ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.” މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް.ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ-މޯލްޑިވްސް ޑިވެލޮޕްމަންޓް ފާޓްނަރޝިޕްގެ ދަށުން މި ކޮމިއުނިޓީ ސެންޓަރަކީ ދެޤައުމުގެ ގުޅުމުގެ ލާމަސީލު ހެއްކެއްކަމަށެވެ.

“ރާއްޖޭގެ 16 އަތޮޅެއްގެ 36 ރަށެއްގައި ހިންގާ މިފަދަ 45 ޕްރޮޖެކްޓަކަށް އިންޑިއާއިން އެހީވޭ. މީގެ 23 ޕްރޮޖެކްޓް މިހާރުވެސް ވަނީ ނިމިފައި.” ޖަޔަޝަންކަރު ވިދާޅުވިއެވެ.

ށ.ފޯކައިދޫގައި ހުޅުވި ކޮމިއުނިޓީ ސެންޓަރުގެ ސަބަބުން އެ ރަށުގައި އިޖްތިމާއީ ހަރަކާތްތައައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. އަދި، ރަށުގެ ޒުވާނުންނާއި އަންހެންނުންގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ.

މި ކޮމިއުނިޓީ ސެންޓަރ އަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. މިތަނުގައި ކްލަބް އޮފީސް، މީޓިން ރޫމް، ލައިބްރަރީ، ކޮންފަރެންސް ހޯލް އަދި ސެކްރެޓޭރިއަޓްގެ އޮފީސް ގާއިމްކޮށްފައިވެއެވެ.