ޚަބަރު

ލޯނު ނަގާތީ ފާޑުކިޔަސް، މިހިންގާ މަޝްރޫޢުތަކުން ލިބޭނެ ފައިދާ މާބޮޑު: ފައްޔާޟް


އެއަރޕޯޓް ތަރައްޤީކުރިމުގައި އޮތީ ދަތުރުކުރުމުގެ ބޭނުން އެކަނި ނޫންކަމަށާއި، މިއީ އިޤްތިޞާދާ އިޖުތިމާޢީ ކުރިއެރުމަށް، ބޮޑުތިލަދުންމައްޗަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ޤައުމެއް ތަރައްޤީކުރެވޭނީ ލޯނާއި ދަރަނި ނަގައިގެންކަމަށެވެ. އެތަނަކުން ލިބޭ އާމްދަނީއަށް އެކަނި މަޑުކޮށްގެން ތިބުމުގެ ބަދަލުގައި، އެތަނެއް އިތުރަށް ތަރައްޤީކޮށް އެތަނަކުން ލިބޭ އާމްދަނީ އިތުރުކޮށްގެން ލިބޭ ކުރިއެރުން މާބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަނިމާދޫގެ އެއަރޕޯޓް ތަރައްޤީވެގެން އައުމަކީ ވޭތުވެދިޔަ 33އަހަރު ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކުނު ހުވަފެނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޚިދުމަތްވެސް އެ އެއަރޕޯޓުގައި އޮތީ ނަންބޯޑުގައި އެކަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަނިމާދޫ އެއަޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށް މިވީ 10 އަހަރު، އެއަރޕޯޓްގެ ތަރައްޤީއަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫޢުއެއް އަތޮޅުތަކުގެ ރަށެއްގައި ފަށާތީ، ބޮޑެތި ފާޑުކިޔުންތަކެއްވެސް އައިކަމަށެވެ. ޚާއްސަކޮށް މިއީ ލޯނު ނަގައިގެން ސަރުކާރަށް ދެކޮޅުޖެހޭނެ މަޝްރޫޢުއެއްތޯ ސުވާލުއުފައްދަމުން ދިޔަކަމަށާއި، ނަމަވެސް މިއީ ކޮންމެވެސް ހިސާބަކުން ފަށަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަން ފުރިހަމަކުރާނީ މި ސަރުކާރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހުޅުލެއާއި މާލެ ސަރަޙައްދު މިސާލަކަށް ނަންގަވާ މިނިސްޓަރ ވިދާޅުވީ، މިއީ އުތުރުގެ ކުރިމަގަށް ކޮށައިދޭ މަގެއްކަމަށެވެ.

"މިއީ ހަމައެކަނި ދަތުރުކުރަން އަޅާ އެއަރޕޯޓެއް ނޫން. މި ސަރަޙައްދުގެ ރައްޔިތުން މި ހުވަފެން ދެކުނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ކޮންމެހެން މުހިންމު މަޝްރޫޢުއަކަށް ވާތީ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ހަނިމާދޫ މަޝްރޫޢުގެ މަސައްކަތަކީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މިއީ މާލެއިން ބޭރުގައި ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫޢުވެސްމެއެވެ. އަދި މިއީ 21 ވަނަ ޤަރުނުގެ އެހެން ޤައުމުތަކާއި އަރާހަމަކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިނިސްޓަރ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަޝްރުޢުއަކީ ކުރީގެ ސަރުކާރުތަކުގައި ހަމައެކަނި ދައްކަމުން ދިޔަ ވާހަކައެއްކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ނިކުމެ މިތިބީ، އެކަމަކަށް ބޭނުންވާ ދިރާސާއި ޕްލޭނާއި މާލީ ތަނަވަސްކަމާއެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ އުތުރުގައި ފަތުރުވެރިކަމަށް 8000 އެނދު ނެރުމަށް ކުރާ މަސައްކަތުގައި، ވިޔަފާރިވެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށާއި، އެ ސަރަޙައްދުގައި ރިސޯޓުތައް ހިންގައިގައިގަތުމާއި، ފަތުރުވެރިކަމަށް މީހުން އިންވެސްޓްކުރަން ފަސްޖެހުނު ކަމަކީވެސް ދަތުރުފަތުރުގެ ދައިމީ ނިޒާމެއް ނެތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢު ވެގެންދާނީ، މުޅި ބޮޑު ތިލަދުންމަތީގެ މަންޒަރު ބަދަލުކޮށް، ފުދުންތެރި ދިރިއުޅުމަށް ބަދަލުކޮށްލާނެ މަޝްރޫޢުއަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.