ޚަބަރު

އިންޑިއާއިން އެހީ ފޯރުކޮށްދިނުމުގެ 3 އެއްބަސްވުމެއްގައި ސޮއިކޮށްފި


އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ސޮއިކުރި މިއެއްބަސްވުންތައް ބަދަލުކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގެ ބަދަލުކުރުމުގެ އިތުރުން މިރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާޢްޖެއަށް 2 ސީ އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

މިއެއްބަސްވުންތަކުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުން ރާއްޖޭގެ ފަރާތުން ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އިންޑިއާއިން މިއެއްބަސްވުންތައް ބަދަލުކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރުއެވެ.

ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުން ބަދަލުކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފްއެވެ. ކޮޗިން ނެޝަލަން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެއްބަސްވުން ބަދަލުކުރެއްވީ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ.ކޭ.އެން މަދަސޫދަނަންއެވެ. މިއެއްބަސްވުމުގެ ދަށުން އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ރާޢްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އިންޑިއާއިން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ޚާޢްސަގޮތެއްގައި ކޯވިޑްގެ ދުވަސްވަރު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފަސޭހައިން އެޤައުމަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމުގެ އިތުރަށް ކާބޯތަކެތި ފޯރުކޮށްދިންކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު އެކަނިވެސް 18 އެއްބސްވުމެއްގައި ވަނީ ސޮއިކޮށްފައި. ކުރެޑިޓަށްވެސް އިންޑިއާއިން އެއަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން. 2000 ސޯޝަލް ހައުސިން އެޅުމަށްޓަކައިވެސް އިންޑިއާއިން އެހީތެރިކަން އެބަފޯރުކޮށްދޭ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކާވަފައެވެ. އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި މިހާރު ވެވުނު އެއްބަސްވުމުގެ ދަށުންވެސް ރާއްޖެއަށް އެތައްގޮތަކުން ފައިދާތަކެއް ވާނެކަން ޑރ. ޖައިޝަންކަރު ފާހަގަކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިމެމުންދިއުމަށް އުއްމީދުކުރައްވާކަމަށެވެ.

" ގުޅިފަޅު މަޝްރޫޢާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ފެށުމަކީ ވަރަށްބޮޑަށް އެދޭކަމެއް. އަޅުގަނޑުގެ މިދަތުރުގައި ރާއްޖޭގެ ސްކޫލްތަކަށް ފޮތް ހަދިޔާ ކުރެވިގެންދާނެ. އަދި ސިއްޙީ ދާއިރާއަށްވެސް އިންޑިއާއިން މިއަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން"ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ރާޢްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރުމަށްޓަކައި އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް ސްކީމަށްވަނީ 100 މިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ. މިސްކީމްގެ ދަށުން މިހާރު 25 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 2 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިއެމް.އޯ.ޔޫގެ ސަބަބުން، ރާއްޖޭގެ އަތޮޅުތަކުގައި ހިންގޭ އިޖްތިމާއީ ތަރައްޤީއާ ގުޅޭ މަޝްރޫއުތައް އިތުރުވެގެންދާނެއެވެ.

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް ސްކީމްގެ ދަށުން ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް 6،500،00 (6.5 މިލިޔަން ރުފިޔާ)ވަނީ ކަނޑައަޅާފައެވެ.