ޚަބަރު

ބިން ހިއްކަން ވަޢުދުވި ހުރިހާ ރަށެއްގެ މަސައްކަތް މި ދައުރުގައި ނިންމާނަން : ރައީސް


ބިން ހިއްކުމަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި މި ދައުރު ނިމުމުގެ ކުރިން ބިން ހިއްކާ ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހއ. ދިއްދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހިއްކަން ހަމަޖެހި އަދި މަސައްކަތް ނުފެށި ހުރި ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ބޭރުގެ ކުންފުންޏަކާއި ޙަވާލުކޮށްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް މިހާރު ބޭރުގެ ކުންފުންޏަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، ބިން ހިއްކުމަށް ވީ ވަޢުދުގެ ދަށުން މިގޮތަށް ހުރި ހުރިހާ ރަށެއްގެ މަސައްކަތް އެގްރިމެންޓް އުސޫލުން މިދައުރުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

"ބިން ހިއްކުމަށް އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރެއިން ނުނިމިހުރި ރަށްތައް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާއެކީގަ މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މިހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން ވަކި ބަޔަކާއި ޙަވާލުކޮށް، އެގްރިމަންޓްގައި ސޮއިކޮށް އެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުން. މިގޮތުން ދިއްދޫވެސް އޭގެ ތެރޭގައި އަޅުގަނޑުމެން ހިމަނާން" ރައީސް ވިދާޅުވިއެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެކަން އިޢުލާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ހިއްކާ ބިމުގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ފުޅާކުރެވިދާނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެމަސައްކަތް ކުރައްވާނީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.

ދިއްދޫ ރައްޔިތުން ބޭނުވެފައިވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އެރަށުގައި މިހާރު ތަރައްޤީކުރަމުން އަންނަ 75 ރޯހައުސް މަޝްރޫޢަށް އިތުރު 25 ރޯހައުސް އިތުރުކޮށްދެއްވުމަށް ނިންމަވާ އެކަންވެސް އިޢުލާންކުރައްވާފައެވެ.

"އެ އެދިލެއްވިފަދައިން ދިއްދޫގައި މިހާރު މަސައްކަތް ހިނގަމުން އަންނަ 75 ހައުސިންގ ޔުނިޓުގެ ތެރެއަށް އިތުރު 25 ރޯހައުސް އިތުރުކުރަން އެހުށައެޅި ހުށައެޅުން އަޅުގަނޑު ބަލައިގަނެ، އިރާދަކުރެއްވިޔާއެކަން އޭގެތެރޭގައި ހިމަނައިގެން ކުރިއަށްގެންދާނެ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ދިއްދޫ ރައްޔިތުން މިވަގުތު ބޭނުންވެފައިވާ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން އެރަށުގެ ޓަރޝިއަރީ ހޮސްޕިޓަލްގެ މަސައްކަތްވެސް މިދައުރުގެ ތެރޭގައި ނިމިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

5000 ހެއްހާ މީހުން ދިރިއުޅެމުންދާ ދިއްދޫގައި މި ސަރުކާރުން އަންނަނީ ޓަރޝަރީ ހޮސްޕިޓަލުގެ އިތުރުންވެސް ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ބޮޑުކުރުމާއި، ޖޫނިއަރ ކޮލެޖުގެ މަޝްރޫޢާއި، މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ތަރައްޤީ ކުރުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.