ޕާކިންގގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހުޅުމާލެއިން ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޖާގަ ބީލަމުގެ އުޞޫލުން ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއިން ނިންމައިފިއެވެ.
އެޗްޑީސީއިން ވިދާޅުވީ، ހެވީ ވެހިކަލްތައް ޕާކުކުރުމަށް 19 ޖާގައެއް ބީލަމުގެ އުޞޫލުން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ސަރުކާރާއި އެޗް.ޑީ.ސީ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހުޅުމާލެގައި ޤާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕާކިންގ ޒޯނުން، މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ޖަގަތަކެއް ބީލަމުގެ އުޞޫލުން ދޫކުރުމަށް އެޗް.ޑީ.ސީއިން މިހާރު ވަނީ ނިންމާފައެވެ.
މިގޮތުން ޖުމުލަ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. އެޗް.ޑީ.ސީން ވިދާޅުވީ، ބީލަން ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 17 އިން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.
މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ އެމް.ޕީ.އެލް ސަރަހައްދު ކައިރީގައި އޮންނަ ހެވީ ވެހިކަލް ޕާކިންގ ޒޯންކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ތެރޭގައި 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަނދުތަކަށް ޚާއްސަ ކޮށްފައިވާ 10 ޖާގައިގެ އިތުރުން ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގަކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.
ބީލަމުގެ އުޞޫލުން އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން މިޖާގަތަށް ކުއްޔަށް ދިނުމަށް އެޗް.ޑީ.ސީއިން ވަނީ ނިންމާފައެވެ. މި ޕާކިންގ ޖާގަތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް މަހަކު 12.01 ރުފިޔާއެވެ. އަދި މިޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެޗް.ޑީ.ސީއިން ވިދާޅުވީ މި ޕާކިންގއިން ޖާގަތަކަށް ކުއްޔަށް ދޫކުރާނީ ހަމައެކަނި މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކުކުރުމަށް ކަމަށެވެ. އަދި މި ޖާގަތަކުގައި ޕާކު ކުރެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ވިޔަފާރިއެއްގެ ނަމުގައި، މާލޭ ސަރަހައްދުގައި ދުއްވުމަށް ރަޖިސްޓަރީ ކުރެވިފައިވާ، ހުޅުމާލޭގެ ސިނާއީ މަސައްކަތުގައި ބޭނުންކުރާ ބަރު އުޅަނދުތަކަށްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.
ޕާކިންގގައި ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމަށް އެޗް.ޑީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިދިޔަ އަހަރު އެޗް.ޑީ.ސީން ވަނީ ޕެއިޑް ޕާކިންގ ޒޯންތަކުން ބީލަމުގެ އުޞޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ.
ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވަނީ ހުޅުމާލެގައި ޕާކިންގ ބިލްޑިންގއެއް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކޮށްފައެވެ.