ޚަބަރު

އަހަރުތަކަކަށްފަހު އައްޑޫއިން ގޯތި ދޫކުރަނީ: މިފަހަރު 1000އާއި ގާތް ކުރާ އަދަދެއް


އައްޑޫ ސިޓީން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުން ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ އައްޑޫ ސިޓީން ގޯތި ދޫކުރުމަށް މިހަފްތާގެ ތެރޭގައި ހުޅުވާލާނެކަމަށެވެ.

33000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫސިޓީގެ 6 ރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތީ ހިތަދޫގައެވެ. އެރަށުގެ އާބާދީ 16،000 އިން މައްޗެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ މުޅި އައްޑޫ ސިޓީއަށް ބަލާއިރު ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2002ވަނަ އަހަރުއެވެ. އަދި، ހުޅުދޫއާއި މީދޫންވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި 4 ރަށުން ގޯއްޗަށް އެދުމުގެ ފުރުޞަތު މިހަފްތާތެރޭގައި ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މި ހަތަރު ރަށުން 1000 އާއި ގާތްކުރާ އަދަދަކަށް ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުދޫއާއި މީދޫއިން ކޮންމެ ރަށަކުން 100 ގޯތި ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ފޭދޫއިން 350 ގޯތި ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ހިތަދޫން 300 އާއި 400 ދެމެދުގެ ޢަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ 4 ރަށުންވެސް ގޯތިދޫކުރުމަށް ހަމަޖެހިފައިވަނީ އެރަށްތަކުގެ މިހާރުވެސް އޮތް ހުސްބިންތަކުންކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަދަދަށް ގޯތި ދޫކޮށްގެން ޖުމުލަ ހައްލެއް ނުލިބުނު ނަމަވެސް މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ގޯތި ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އެތައް އަހަރަކަށް ފަހު އައްޑޫސިޓީން ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެ ސިޓީއަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުމުގެ މަސައްކަތެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް މޭޔަރވަނީ ވިދާޅުވެފައެވެ.

އައްޑޫ ބިންހިއްކުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.