ޚަބަރު

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު ދެޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ: ނައިބު ރައީސް


ރާއްޖެއާއި ކެމްބޯޑިއާގެ އެންމެ އިސްވެރިންގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ އަދި ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ މަޝްވަރާތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ބޮޑުވަޒީރުގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއްކަމަށެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، މިދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެކަމަށެވެ. މިގޮތުން ރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން އެދާއިރާތަކުން ދެޤައުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ މަގު ފަހިވެގެން ގޮސްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 28 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާ މިއަދު މިކުރިއަށްދިޔައީ ދެޤައުމުގެ ތާރީޚުގައިވެސް މުހިއްމު ކަންތައްތަކެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި އަދި ދެޤައުމުން ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެދޭކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދަނޑުވެރިކަމާއި މަތީ ތަޢުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވާ ވަނީ އެކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަކީ ދެ ޤައުމަށްވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މީގެއިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުޢުތަސިމް އަދުނާނުވެސްވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގެ ތެރެއިންވަނީ ދެޤައުމުގެ ދެމެދުގައި 6 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.