ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މިހާރު ޤާއިމުކޮށްފައިވާ ވަޞީލަތްތަކަށް އޮތް ޑިމާންޑު އިތުރުވެ އަންނަނީ ބާރު ބޮޑުވަމުންނެވެ.
މިކަމަށް ޙައްލެއް ގެނައުމަށް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ޚިދުމަތް ދެމުންދާ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ އެއް އަސާސީ ޚިދުމަތަކީ ސިއްޙީ ޚިދުމަތެވެ. ސިއްޙީ ޚިދުމަތް ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ސަރަޙައްދުގައި މިއަދު ވަނީ ކްލިނިކެއް ހުޅުވާ ޚިދުމަތްދޭން ފަށާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސިއްޙީ ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުންދާކަން ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އަދި ސިއްޙީ ޚިދުމަތަށް އެދި އަންނަ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލުގެ ޚިދުމަތް ނެތުމުގެ އުނދަގޫ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެބައޮތެވެ. މިކަމަށް ޙައްލެއް ގެނައުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކްލިނިކެއް ޤާއިމުކޮށްފައެވެ.
ހުޅުމާލޭ ފޭސް 2 ގެ ހިޔާ 16 ވަނަ ޓަވަރުގައި ހުންނަ މި ކްލިނިކްގައި ބަލި މީހުން ބަލާ ޚިދުމަތް މިވަނީ ފަށާފައެވެ. މިއާއެކު ހިޔާ ސަރަޙައްދުގެ އިތުރުން ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ފަރާތްތަކަށާއި އެސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނަށް ސިއްޙީ ޚިދުމަތް ހޯދުމަށް ފޭސް އެކަކަށް ދިޔުމަށް ނުވަތަ މާލެއަށް އައުމަށް އުފުލި ތަކުލީފު ނިމުމަކަށް އައީއެވެ. މިއީ މި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ މިވަގުތު މި ކްލިނިކުގައި ޚިދުމަތް ދެމުން އަންނަނީ ޢާއްމު ބަލިތަކުގެ 2 ޑޮކްޓަރުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޚިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުރަތަމަ ދުވަހުވެސް ގިނަ ބަޔަކު ކްލިނިކުން ޚިދުމަތް ހޯދާފައިވާކަން މަޢުރޫފް ފާހަގަކުރެއްވިއެވެ.
"މިކޮޅުގައި ޢާއްމު ބަލިތަކަށް މިދައްކަނީ، ދެން އިތުރު ފަރުވާއަށް ދާންޖެހޭ ޙާލަތުގައި، ހުންނާނެ ރިފަރަލް ނިޒާމެއް ޤާއިމުކޮށްފައި. އޭރުން ހުޅުމާލޭ ހޮސްޕިޓަލްގެ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފުރުސަތު ކިޔުގައި މަޑުނުކޮށް ލިބިގެންދާނެ" މަޢުރޫފް ވިދާޅުވިއެވެ.
މިވަގުތު މި ކްލިނިކްގައި ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި، އެސްޓީއޯގެ ފާމަސީއެއް ޤާއިމުކޮށް އެއްތަނަކުން ޚިދުމަތް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި ޕަބްލިކް ހެލްތު ޔުނިޓުގެ ދަށުން ތުއްތު ކުދިންނަށް ވެކްސިން ދިނުން ފަދަ މުހިއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ކްލިނިކް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 05:00 އަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.