ޚަބަރު

ރެހެންދި އެވޯޑަށް ހުޅުވާލައިފި، ސުންގަޑިއަކީ 13 ފެބްރުއަރީ


ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެމުން އަންނަ "ރެހެންދި އެވޯޑް" އަށް ކުރިމަތިލުމަށް މިނިސްޓްރީން އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުވާލައިފިއެވެ. މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ޖެންޑަރ މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވަނީ އަންނަމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރެހެންދި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާ، ރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެގޮތުން ދެމުން އަންނަ ޚާއްސަ އެވޯޑެކެވެ.

މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާ، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީވެސް މި އެވޯޑު ދިނުމުގެ ބޭނުމެކެވެ.

މައިގަނޑު މަޤްޞަދު : އަންހެނުން ބާރުވެރިކުރުން

● އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރު ދިނުން
● އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި، ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުން
● އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުން
● މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ވަކި ފަރުދުންނާއި، މުއައްސަސާތަކުގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރުން
● 2022 އިން 2026 އަށް އެކުލަވާލި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބާރުއެޅުން

މައިގަނޑު 3 ކެޓެގަރީއެއް، ކުރިމަތިލެވޭނީ ކޮންމެވެސް އެއް ދާއިރާއަކުން

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި އެވޯޑް ޚާއްސަ ކޮށްފައިވަނީ މައިގަނޑު 3 ކެޓެގަރީއަކުންނެވެ. އެއީ:

* ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ / ޖަމާޢަތްތަކަށް އެވީޑަށް ހުށަހެޅޭ ކެޓަގަރީ
* އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ
* އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެވޯޑަށް ހުށަހެޅޭ ކެޓަގަރީ

އެވޯޑަށް ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ބައެއް ޝަރުތުތައް:

● ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަމުގައިވުން
● ޙައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
● އެވޯޑަށް ހުށަހެޅޭ ފަރާތާއި، އިދާރާ ނުވަތަ މުއައްސަސާއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން
● ހުށަހަޅާ ދާއިރާގައި މެދުނުކެނޑި މަގުވެގެން 5 އަހަރު ޚިދުމަތްކޮށްފައިވުން
● މީގެ ކުރިން ދައުލަތުން ދެއްވާ ޝަރަފުގެ ޤައުމީ އިނާމު، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ ފަރާތަކަށް ނުވުން

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ރެހެންދި އެވޯޑުގެ އިންޓަރވިއުއަށް ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތަކުގެ އިވެލުއޭޝަންއިން މަދުވެގެން 75 އިންސައްތަ މާކްސް ލިބޭ ފަރާތްތަކަށްކަމަށެވެ. އަދި އެވޯޑް ލިބޭނީ ހުށަހަޅާ ލިޔެކިޔުންތަކާއި އިންޓަރވިއުގެ މައްޗަށް ބިނާކޮށް މަދުވެގެން 75 އިންސައްތަ މާކްސް ލިބޭ ފަރާތްތަކަށްކަމަށެވެ. ލިޔެކިޔުންތަކާއި އިންޓަރވިއު އަދި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާ އެވޯޑް ލިބޭ ފަރާތްތައް ނިންމާނީ ރެހެންދި އެވޯޑް އިވެލުއޭޝަން ކޮމިޓީންނެވެ.