ޚަބަރު

އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަނީ


އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް އިޞްލާޙެއް ހުށައަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. އަބުރާ ބެހޭ މީހުންނާ ދެކޮޅަށް ޖިނާޢީ ދަޢުވާ ކުރެވޭގޮތް ޤާނޫނަށް އިޞްލާޙެއް ވަރަށް އަވަހަށް ހުށައެޅުއްވުމަށް ސަރުކާރުން ވެސް ވަނީ ނިންމަވާފައެވެ. އަބުރާ ބެހުމުގެ މައްސަލަތައް މިހާރު ކުރަމުން އަންނަނީ، މަދަނީ ދަޢުވާއެއްގެ ގޮތުގައެވެ. ޤާނޫނުގައި މިހާރު ބުނެފައި އޮންނަނީ އަބުރާބެހުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މަޢުނަވީ ގެއްލުމުގެ އިތުރުން، އެ ފަރާތަށް މާއްދީ ގެއްލުމެއް ލިބިފައި ނުވާނަމަ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، ސަތޭކަރުފިޔާއާއި ފަސްހާސް ރުފިޔާއާ ދެމެދުގެ ޢަދަދެއްކަމަށެވެ. އަދި މާއްދީ ގެއްލުމެއް ލިބިފައި ވާނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެފަރާތުގެ އަބުރާބެހުމުގެ ސަބަބުން ލިބުނު މާއްދީ ގެއްލުމާ އެކަށީގެންވާވަރުގެ މާލީ ބަދަލެއްކަމަށް ޤާނޫނުގައި ބުނެފައިވެއެބެ. ޖީނާއީ ދައުވާއެއްގެ ގޮތުގައި،  އަބުރާބެހުމުގެ ދައުވާ އުފުލޭ ގޮތަށް ގާނޫނު ފާސްވެއްޖެ ނަމަ، ކުށްސަބިތުވާ މީހާގެ މައްޗަށް ތަންފީޒު ކުރަންޖެހޭ އަދަބު ބޮޑުވެގެންދާނެއެވެ.  ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މީހުންގެ އަބުރާ ބެހުމަކީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެމުން އަންނަކަމަށެވެ. މީހެއްގެ މައްޗަށް ކޮންމެ ފަދަ ތުހުމަތުތަކެއްވެސް ކުރުން ފަސްނުޖެހޭކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ލަސްނުކުރައްވާ މަޖިލީހުން ކަނޑައެޅުމަށް އިޞްލާޙެއް ހުށައަޅުއްވާނެކަށެވެ. އަދި މީސްމީހުންގެ އަބުރު ނަގާލާމީހުންނަށް ޙައްޤު އަދަބު ލިބެންޖެހޭކަމަށް ސަރުކާރުން ޤަބޫލްކުރައްވާކަމަށް ވިދާޅުވިއެވެ.ހުޅުމާލޭގައި އިމާރާތްކޮށްދެއްވި، ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ހުޅުއްވައިދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ ޤާނޫނުތަކަށް ބޯލަނބައި މީހުންނަށް އަޅާލައި އިޙުސާންތެރި މީހުން އުޅޭ މުޖުތަމައުއަކަށް ހަދަން ބޭނުންވާނަމަ އަބުރާ ބެހުންފަދަ މައްސަލަތަކަށް ފަރުވާ ހޯދަންޖެހޭކަމަށެވެ. މީހުންގެ އެންމެ ޝަރަފުވެރި އެންމެ ކަރާމާތްތެރި ހައްގަކީ އެމީހެއްގެ އަބުރުކަމަށާއި، އެހެންކަމުން އެކަން ސަރުކާރުން ހުއްޓުވާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވެފައިވަނީ އަންނަ ހަފްތާގެ ތެރޭގައި އާބުރާ ބެހޭ މީހުންނާ ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭގޮތް ހެދުމަށް މަޖިލީހުގެ މެމްބަރުން ވިސްނެވުމަށް ހުށައަޅުއްވާނެކަމަށެވެ.އަބުރާ ބެހުމަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅުއްވުމަކީ، ކުށްކުރާ މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު އެޙައްޤުތަކަށް އަރައިގަނެވެނީ ކިހާ މިންވަރަކަށްކަން ދެނެގަނެ، އެކަމަށް އަރައިގެންފިނަމަ އެމީހަކާ ބައްދަލުކުރަންޖެހޭ އަދަބުތަކެއް ނުވަތަ އުޞޫލުތަކެއް ހުންނާނެކަން ހަނދާންކޮށްދެއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާޖެހިފައިވާ މުހިއްމު ކަމެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.