ވިޔަފާރި

ރަސީދު ހުށައަޅައިގެން 36،000 ރުފިޔާ ހޯދުމުގެ ފުރުޞަތެއް


ޓެކްސް ރޭޓަށް އައި ބަދަލާއި ގުޅިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން "ކޮބާ ރަސީދު" ގެ ނަމުގައި ޓެކުހަށް ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މީރާއިން ބުނީ މި ކެންޕެއިންގެ ބޭނުމަކީ ޖީ.އެސް.ޓީގެ ރޭޓަށް އައިސްފައިވާ ބަދަލާގުޅިގެން، ވިޔަފާރިތަކުން ރަސީދު ތައްޔާރުކުރަމުން ގެންދަނީ ރަނގަޅަށްތޯ ބެލުމުގެ އިތުރުން، ވިޔަފާރިތަކުން ރަސީދު ދޫކުރުމަށް، އަދި ވިޔަފާރިކުރާ ފަރާތްތަކުން ރަސީދު ހޯދުމަށް ބާރުއެޅުންކަމަށެވެ.

މި ކެމްޕެއިންގައި ފައިސާގެ އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން މި ކެމްޕޭންގައި ބައިވެރިވެގެން ޖުމުލަ 36,000 (ތިރީސް ހަހާސް) ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް އެ އެތޯރިޓީން މައުލޫމާތު ދެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެޕްރީލް 15ގެ ނިޔަލަށެވެ.

މިއަދުން ފެށިގެން މުދާ ވިއްކާ ވިޔަފާރިތަކުންނާއި، ޚިދުމަތް ދޭ ތަންތަނުން ދޫކުރާ ރަސީދުތައް ހޯދައި، ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ފޯނު ނަމްބަރު އެ ރަސީދުގައި ލިޔުމަށްފަހު އޭގެ ފޮޓޯއެއް މީރާގެ ވައިބަރ ނަންބަރު 7291415 އަށް ވައިބަރކޮށްގެން ކޮންމެ ފަރާތަކަށް ވެސް މި ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި މުބާރާތް ކުރިއަށް ގެންދާ ކޮންމެ މަހަކު، އެ މަހެއްގެ ތެރޭގައި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޕްރީލް 15ގެ ނިޔަލަށް އެންމެ ގިނަ ތަންތަނުން އެންމެ ގިނަ ޢަދަދަކަށް ރަސީދު ހުށަހަޅަފައިވާ ފަރާތަކަށް 30،000 (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.