ޚަބަރު

ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީއިން ހުޅުވާލައިފިއެވެ.

ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ އެކަމަށް ޚާއްސަކޮށްފައިވާ ގޫގަލް ފޯމެއް މެދުވެރިކޮށް އޮންލައިންކޮށެވެ.

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ބެހިފައިވާ ބައިތައް:

• ސްކޫލުތަކުގެ ބައި (ދަށު ސާނަވީ، ސާނަވީ، މަތީ ސާނަވީ)
• މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ، ކޮލެޖް، އިންސްޓިޓިއުޓް، އެކެޑަމީ)
• އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ، 18 އަހަރުން މަތީގެ އުމުރުފުރާ)
• އޮފީސް، ކުންފުނި، ކްލަބް، ޖަމްއިއްޔާ، ޖަމާޢަތްތަކުގެ ބައި

މި މުބާރާތުގައި ވާހަކަދެއްކުމަށް ކަނޑައެޅިފައިވާ ދާއިރާތަކަށް ބަލާއިރު، ދަށު ސާނަވީ އުމުރުފުރާގެ ބަޔަށް ޚާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ޤައުމީ ލޯބި، ތާރީޚާއި ތަރިކަ، ދިވެހިރާއްޖެ، މި 4 ދާއިރާއިން ގުޅުން ހުރި މައުޟޫޢުތަކަށެވެ. ސާނަވީ އުމުރުފުރާއާއި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔަށް ޚާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ތާރީޚާއި ތަރިކަ، އިޤްތިޞާދު، އަދި އިޖްތިމާއީ ވެއްޓާގުޅުންހުރި މައުޟޫޢުތަކެވެ.

މީގެ އިތުރުން މަތީ ސާނަވީ އުމުރުފުރާއާއި، އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ވާހަކަދެއްކުމަށް ކަނޑައެޅިފައިވަނީ ދިވެހިބަހާއި އަދަބިއްޔާތާއި، ތިމާވެށި، ތާރީޚާއި ތަރިކަ އަދި އަދުގެ ދުނިޔެ، މިދާއިރާތަކާއި ގުޅުންހުރި މައުޟޫޢުތަކަށެވެ.

މި މުބާރާތުގެ ވަކިވަކި ދާއިރާތަކުގެ ގަވާއިދުތަކާއި، ވާހަކަދައްކަންޖެހޭ ދާއިރާތަކުގެ ތަފްޞީލު ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އަދި މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކަޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ސްކޫލުތަކުގެ ބައިގެ ކޮންމެ ގިންތިއެއްގައި ކޮންމެ ސްކޫލަކުން ގިނަވެގެން 7 ދަރިވަރުން ބައިވެރިކުރެވޭނެއެވެ. ސްކޫލުތަކުގެ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ބުރަކަށެވެ. ފުރަތަމަ ބުރު އެއީ "ފައްސިޔަ" ބުރެވެ. މި ބުރުގައި މުބާރާތުގެ ހުރިހާ ބައިވެރިންވެސް ގުރުއަތުން ލިބޭ މައުޟޫޢަކަށް ވާހަކަދައްކަންޖެހޭނެއެވެ. ދެވަނަ ބުރަކީ "އަރުތަ" ބުރެވެ. މި ބުރުގައި ފުރުޞަތު ލިބޭނީ "ފައްސިޔަ" ބުރުގައި ވާހަކަދެއްކި ކޮންމެ ގިންތިއަކުން އެންމެ މަތިން މާކްސް ލިބިގެން ދެވަނަ ބުރަށް ހޮވޭ 10 ދަރިވަރުންނަށެވެ.

މި މުބާރާތުގައި ހިމެނޭ މަތީ ތަޢުލީމުގެ ބަޔާއި، އޮފީސް، ކުންފުނި، ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބަހުސް މުބާރާތެއްގެގޮތުގައެވެ. މިއަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 12 އިން ފެށިގެންކަމަށް ދިވެހި ބަހުގެ އެކެޑަމީއިން ވިދާޅުވެއެވެ.