ދުނިޔޭގެ ވިޔަފާރި

ގާނާއިން ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި


ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ %30 އަށް މިއަހަރު އިތުރު ކުރުމަށް ގާނާގެ ސަރުކާރުން ނިންމައިފިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ އެހީތެރިކަން ސަރުކާރުން ހޯދުމަށް ބާރު އަޅައި، ގާނާގައި މުޒާހަރާތައް ފެށިތާ މަދު މަސްކޮޅެއް ފަހުން ސަރުކާރު މުވައްޒަފުން ތަމްސީލުކުރާ ޓްރޭޑް ޔޫނިއަންތަކުން ސަރުކާރާއެކު މުސާރަ ބޮޑުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ފެށީ މިދިޔަ ނޮވެމްބަރު މަހުއެވެ.

މިއާއެކު ސަރުކާރާއި ޔޫނިއަންތަކުން ބޭއްވި ބައްދަލުވުމުގައި ވަނީ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ސަރުކާރު މުވައްޒަފުންގެ މުސާރަ %30 އަށް އިތުރުކުރުމަށް އެއްބަސްވެފައެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުގެ އިންޓަރެސްޓް ރޭޓް މަތިކުރުމުގެ ސަބަބުން ގާނާގެ ފައިސާ ކަމަށްވާ، ސެޑީގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ގާނާގެ ސަރުކާރުން ވަނީ ޑެފިސިޓް ކުޑަކުރުމަށާއި، އިންފްލޭޝަން ހިފެހެއްޓުމަށާއި، ސެޑީގެ އަގު ރަނގަޅު ކުރުމަށް ވަޒީރުންގެ މުސާރަ ކުޑަ ކުރުން ހިމެނޭ ގޮތަށް މާޗް މަހުގެ ހަރަދުތައް ބޮޑުތަނުން ކުޑަ ކުރާނެކަން އިއުލާނުކޮށްފައެވެ. ނަމަވެސް ދުނިޔޭގެ އިގްތިޞާދު ހީނަރުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރު މުވައްޒަފުންގެ ލިވިންގް އެލަވަންސް މިދިޔަ އަހަރުގެޖުލައި މަހު %15 އަށް ވަނީ އިތުރުކޮށްދީފައެވެ.

ގާނާއިން ޑިސެމްބަރު މަހު ވަނީ 3 ބިލިއަން އެމެރިކާ ޑޮލަރުގެ ތިން އަހަރުގެ ސަޕޯޓް ޕެކޭޖަކަށް އައިއެމްއެފްއާ އެކު އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެ އެހީ ހޯދުމަށް ގާނާގެ ދަރަނި އަދާކުރާނެގޮތް އަލުން އެކުލަވާލަން ޖެހެއެވެ.

ރަނާއި ކޮކޯ އުފައްދާ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއިން މިހާރު ކުރިމަތިލަމުން އަންނަނީ އިގްތިޞާދީ ގޮތުން އެ ގައުމަށް ކުރިމަތިވި އެންމެ ދަތި ދުވަސްތަކާއެވެ. ގާނާގެ އިންފްލޭޝަން މިހާރު ވަނީ %50.3 އަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައިވެސް އެ ގައުމުގެ އިންފްލޭޝަން މައްޗަށް ނުދާހާ މިންވަރެކެވެ.