ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި 10000 އަށްވުރެ ގިނަ މީހުން


ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 10000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލާ، އިފްތިތާޙްކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. މިދަފްތަރުގެ މައިގަނޑު ބޭނުމަކީ ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިމަތިވަމުންދާ ދަތިތަކާއި ހުރަސްތައް ނައްތާލުމެވެ. އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢަދަދާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ މަޢުލޫމާތު ބެލޭނެ ގޮތެއް ނެތުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އަލަށް އެކުލަވާލާފައިވާ ދަފްތަރުގެ ސަބަބުން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ވިދާޅުވީ އަލަށް އެކުލަވާލާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި 10701 މީހަކު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީ ވެފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު

* ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 3045 މީހުން
* ސިކުނޑީގެ/ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ 2461 މީހުން
* އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ 1986 މީހުން
* އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1517 މީހުން
* ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 876 މީހުން
* އޯޓިޒަމް ހުންނަ 628 މީހުން
* ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 125 މީހުން
* އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 63 މީހުން

އެންސްޕާއިން ވިދާޅުވީ ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ ޕޯޓަލްއާއެކީގައި ނުކުޅެންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ތަފްޞީލުތައް ލާމަރުކަޒު ކުރެވި، ރަށްރަށުގެ ކައުންސިލްތަކަށް އެ ރަށްރަށުގެ މައުލޫމާތު އަދާހަމަކޮށް، ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ހުރި ނުކުޅެދުންތެރިކަމާ ގުޅިގެން އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިބަމަ އަދި އެފް.ސީ.އެސް.ސީ ފަދަ ދައުލަތުގެ އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް ދޭ ފަރާތްތަކަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާ މިއަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.