ދުނިޔޭގެ ވިޔަފާރި

އައިއެމްއެފް އިން ކަނޑައަޅާފައިވާ މާލީ ފިޔަވަޅުތައް ޕާކިސްތާނުން ތަންފީޒުކުރަނީ


ޕާކިސްތާންގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 2022-23ގެ މާލީ އަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެގައުމުން ތަންފީޒުކުރަން ފަށައިފިކަމަށް ޕާކިސްތާންގެ މާލީ ވަޒީރު އިސްހާގް ދާރް ވިދާޅުވެއްޖެއެވެ.

އެފިޔަވަޅުތަކުގެ ތެރޭގައި ދަނޑުވެރިކަމާއި އެކްސްޕޯޓް ދާއިރާއިން ދޭ ސަބްސިޑީތައް މުރާޖައާ ކުރުމާއި ހަކަތައިގެ ދާއިރާގެ ދަރަނި އެއްކޮށް ނައްތާލުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު ވިދާޅުވީ ހޯމަ ދުވަހު ޖެނީވާގައި ބޭއްވި މޫސުމާ ބެހޭ ކޮންފަރެންސްގެ ތެރެއިން އައިއެމްއެފްއާ އެކު "ތަފްސީލީ މަޝްވަރާއެއް" ކޮށްފައިވާ ކަމަށާއި އެ ކޮންފަރެންސްގައި އެގައުމަށް އެހީ ފޯރުކޮށްދިނުމުގެ ކުރިން ޕާކިސްތާނުން މާލީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އައިއެމްއެފް އިން ފާހަގަކޮށްފައިވާކަމަށެވެ.

ޕާކިސްތާނަށް އެހީ ފޯރުކޮށްދިނުމަށް، އައިއެމްއެފް އިން ކުރިއަށްގެންދަން ޖެހޭ ރިވިއުގެ މަސައްކަތް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޕެންޑިންގައެވެ. ޕާކިސްތާންގެ ގައުމީ ރިޒަރވް ވަނީ ފަސް ބިލިއަން ޑޮލަރަށްވުރެ ވެސް ދަށަށް ގޮސްފައެވެ. މިއީ އެގައުމުގެ ތިން މަސް ދުވަހުގެ އިމްޕޯޓަށް ކިރިޔާ ޚަރަދުކުރެވޭނެ ވަރެވެ.

މަރުކަޒީ ބޭންކްގެ ރިޒާރވް އިތުރުކުރަމަށް މަސައްކަތްކުރާއިރު، ގައުމުގެ ކޮމާޝަލް ބޭންކްތަކުގެ ފޮރިން ރިޒަރވުން ފައިސާ ނެގުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އެގައުމުގެ މާލީ ވަޒީރު ވިދާޅުވިއެވެ.

އިސްހާގް ދާރް ވިދާޅުވީ އައިއެމްއެފްއިން ގަބޫލުކުރަނީ އެގައުމުގެ ސަރުކާރުގެ ޚަރަދުތައް ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. ޚާއްސަކޮށް ސަރުކާރުގައި ނެތް ފައިސާއިން ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަ ކުރަން ޖެހޭކަން އައިއެމްއެފްއިން ފާހަގަކުރާކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އެކްސްޕޯޓް ސަބްސިޑީގެ ގޮތުގައި ކުރާ ޚަރަދާއި ދަނޑުވެރިކަމުގެ ސިނާއަތައް ސަބްސިޑީގެ ގޮތުގައި ކުރާ ޚަރަދުގެ އިތުރުން ހަކަތައިގެ ދާއިރާއަށް ކުރާ ޚަރަދު ކޮންޓްރޯލްކުރަން އައިއެމްއެފް އިން ބުނެފައިވާ ކަމަށްވެސް އިސްހާގް ވިދާޅުވިއެވެ.

ސަރުކާރުން މިދާއިރާތަކުން ސަބްސިޑީ ދިނުން އެއްކޮށް ހުއްޓާލާނީތޯ ނުވަނަ ދެމުންދާ ސަބްސިޑީ ކުޑަ ކުރާނީ ކަމެއް އިސްހާގް ހާމަ ނުކުރައްވައެވެ. މީގެ އިތުރުން ގޭހަށް ކޮށްފައިވާ ޚަރަދުގެ ސަބަބުން އިތުރުވެފައިވާ ދަރަނި ދެއްކުމަށް ކުންފުނިތަކުން ލިބިފައިވާ ޑިވިޑެންޓް ބޭނުންކުރަން ނިންމާފައިވާކަމަށްވެސް ޕާކިސްތާންގެ މާލީ ވަޒީރުވަނީ ވިދާޅުވެފައެވެ.

ބަޖެޓްރީ އަމާޒު ހާސިލުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ގޮންޖެހުންތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައެވެ.

ޕާކިސްތާނުން މިހާރު މަސައްކަތްތައް ކުރަމުން މިދަނީ އައިއެމްފްއެގެ 9 ވަނަ ރިވިއުއިން ފާސްވުމަށެވެ. އައިއެމްއެފްއިން އެގައުމުގައި ހެދި 7 އަދި 8 ވަނަ ރިވިއު ރަނގަޅުކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އައިއެމްއެފް އިން ވަނީ ޕާކިސްތާނަށް 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.

މި ރިވިއުތަކަކީ އެގައުމުން އައިއެމްއެފްއާއެކު 2019 ވަނަ އަހަރު ވެފައިވާ ބެއިލްއައުޓް ޕްރޮގްރާމްގެ ރިވިއުތަކެވެ. ޕާކިސްތާނަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެގައުމަށް އައިއެމްއެފްގެ އެހީ ވަރަށް މުހިންމެވެ.