ޚަބަރު

މަޝްރޫއުތަކުގެ މޮނިޓަރިން ރިޕޯޓް ހުށަނާޅާ ކުންފުނިތަކާމެދު ފިޔަވަޅުއަޅަނީ


މަޝްރޫއުތައް ކުރިއަށް ގަންދާއިރު ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ރިޕޯޓް، ނުވަތަ މޮނިޓަރިން ރިޕޯޓް ހުށަނާޅާ ކުންފުނިތަކާމެދު 1 ޖަނަވަރީއިން ފެށިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ހާމަކުރައްވައިފިއެވެ.

އީޕީއޭއިން މިކަން ހާމަކުރައްވާފައިވަނީ މަޝްރޫއުތައް ހިންގާ ގިނަ ފަރާތްތަކުން މޮނިޓަރިން ރިޕޯޓް ހުށައަޅަމުން ނުދާތީއެވެ. އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައިވަނީ މަޝްރޫއުތަށް ހިންގާ ބައެއް ފަރާއްތަކުން ތިމާވެށީގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ފެށި ތާރީޚް އީޕީއޭއަށް އަންގަމުން ނުދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އީޕީއޭއިން ވިދާޅުވީ ޑިއުޑިލިޖަންސް ރިޕޯޓް ހެދުމުގެ ގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި އެގާނޫނުގެ ދަށުން އީޕީއޭއިން ތަންފީޒް ކުރަމުންދާ ޤަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަތަކާއި، އެހުއްދަތަކާއި ގުޅުން ހުރި މަޢުލޫމާތާއި، އެހުއްދަތަކާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކާއި، އީޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން މިފަދަ އެތައް މަޢުލޫމާތުތަކެއް ހޯދުމަށް އީޕީއޭގައި އެދެމުންދާ ކަމަށެވެ. އެހެންކަމުން މިހިނގާ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން މޮނިޓަރިން ރިޕޯޓް ހުށަނާޅާ ފަރާތްތަކުގެ ޑިއުޑިލިޖަންސް ރިޕޯޓަށް ބޭނުންވެގެން އެއެޖެންސީ ހޯދުމަށް އެދޭ މަޢުލޫމާތުގައި އެކަން ބަޔާންކުރާނެ ކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން ޝެޑިއުލާ އެއްގޮތަށް މޮނިޓަރިން ރިޕޯޓް ހުށައަޅަމުން ނުދާ ފަރާއްތަކުން އެ ރިޕޯޓްތަށް ޝެޑިއުލާ އެއްގޮތަށް ހުށައަޅަމުން ގެންދިޔުމަށް މަޝްރޫއު ހިންގާ ފަރާއްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.