މީ ހިއްކާފައި ހިލޭ ބިން ދިނީމާވެސް ބަޔަކު ދާން ބޭނުންނުވި ފަސްގަނޑެވެ. އެހެންނަމަވެސް އެތަން ހިއްކާ މީހުން އާބާދުކުރިތާ 25 އަހަރު ފަހުން އެ ބިން މިއޮތީ ރަނަށް ވެފައެވެ. އެންމެންވެސް އުޅެން މިހާރު ބޭނުންވަނީ ހުޅުމާލޭގައެވެ. ތަންތަން ކުއްޔަށް ހިފައިގެން ބިންތައް އަގުބޮޑުކޮށް ގަނެގެންވެސް ދަނީއެވެ.
ހުޅުމާލޭގެ ތަރައްޤީއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންނަނީ ގިނަ މަޝްރޫއުތައް ރާވާ ބަދަލުތައް ގެންނަމުންނެވެ. އެކުންފުނިން އަލަށް އިއުލާންކުރި ކަންތައްތަކުގެ ލިސްޓަށް އަނެއްކާވެސް މިވަނީ ބައިތަކެއް ހިމަނާފައެވެ. އެގޮތުން މިފަހަރު، މިހާރު މީހުން އެންމެ ގިނައިން އުޅޭ އަދި ދާ ފޭސް 2 ވެސް މިއޮތީ ލާފައެވެ.
އައު ޕްލޭންގެ ދަށުން ހުޅުމާލޭގެ ރުއްގަޑު 3 ސަރަހައްދަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ. މިހާރު ހުސްކޮށް އޮންނަ މި ސަރަހައްދު ކުޅިވަރާއި މުނިފޫހިފިލުވާލުމުގެ ސަރަހައްދަކަށް ބަދަލުކޮށްލުން އެއީ އެޗްޑީސީގެ ވިސްނުމެވެ. މިއާއެކު އިވެންޓްތައް ބާއްވަން ދެ ތަނެއް ހުންނާނެއެވެ. ކެފޭތައްވެސް ހުންނާނެއެވެ. އާއިލާތައް ގޮސް މަޑުކޮށްލާނެ ބެންޗުތަކާއި ގޮނޑިތައްވެސް ހުންނާނެއެވެ. ވޯޓަރ ސްޕޯޓާއި އެކި ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުންވެސް އެޗްޑީސީގެ މި ޕްލޭންގައި އެބަ އޮތެވެ.
ބަންދުތަކުގައި މިހާރު އެންމެ ބާރު ބޮޑު ސަރަހައްދަކީ ހުޅުމާލެ ފޭސް 2ގެ ގޮނޑުދޮށެވެ. އައިލާތަކުން އެ ސަރަހައްދު އޮންނަނީ އެއްކޮށް ފުރާލާފައެވެ. މޫދަށް އެރުމާއި ކުޅިވަރު ކުޅުމުގައެވެ. ކެއުންތަކާއި މަޖާތައް ހިފައިގެން ގޮހެވެ. ޕާޓީތައްވެސް ބާއްވަނީއެވެ.
އެޗްޑީސީން ބުނީ ފޭސް 2 އެ ސަރަހައްދު އިތުރަށް ތަރައްޤީކުރުމުގެ ބައެއްވެސް ޕްލޭންގައި ހިމަނާފައި އެބައޮތްކަމަށެވެ. ފޭސް އެކެއްގައި މިހާރު އޮންނަ ގޮތަށް ވޯޓަރ ސްޕޯޓް ހަޓްތައް ފޭސް 2 ގައިވެސް ތަރައްޤީކުރުން އެ ކުންފުނީގެ އައު ޕްލޭންގައި އެބައޮތްކަމަށްވެސް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޒައިންކޮށްގެން ތަރައްޤީކުރާ ސްމާޓް ސިޓީއެވެ. މި ސިޓީ ބްރޭންޑް "ސްމަރޓްކޮމް" ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށްވެސް ވަރަށް ފަހުން ދިނެވެ.
މި ސިޓީ ބަދަލުކޮށްލުމަށް ހުޅުމާލޭގައި ކޮމިއުނިޓީ ހަބެއް ހެދުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މަގުތަކުގައި ބައިސްކަލް ދުއްވުމަށް ހާއްސަ ލޭންތައް ހެދުމުގެ ޕްލޭންއެއްވެސް ވަނީ އެޗްޑީސީން އިއުލާންކޮށްފައެވެ. މި ޕްލޭންގެ ދަށުން ބައިސިކަލް ލޭންތައް ކުރެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބައިސްކަލް ދުއްވާ ރޫޓު ފާހަގަކުރުމުގެ ގޮތުން މަގު 4 ލޭނަކަށް ބަހާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބަހާއި ސައިކަލް ވަކި ލޭނެއްގައެވެ، ނޫކުލައިގައި އޮންނާނީ ބައިސްކަލަށް ހާއްސަ ލޭނެނެވެ. މީ މުޅިވެސް ހުޅުމާލެއަށް ގެންނަ ބަދަލުތަކުގެ ޕްލޭންގައި ހިމެނޭ ކަންކަމެވެ.
ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމުކޮށްދިނުމަށްވެސް އެޗްޑީސީން ޚާއްސަ އިސްކަމެއް ދީ އެމަސައްކަތް ކުރަމުން އާދެއެވެ.