ޚަބަރު

އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި


މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލްއާއި އައިއޭއެލްގެ އިތުރުން އެޗްއެސްސީ އިމްތިޙާނުގެ ޕްރޮވިޝަނަލް ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ވިދާޅުވީ މަތީ ސާނަވީގެ އެކި އިމްތިޙާންތަކުގެ ނަތީޖާތައް މިއަދުން ފެށިގެން އެދަރިވަރަކު އިމްތިޙާނު ހެދި ސެންޓަރަކުން ދޫކުރާނެކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ މެންދުރު 12 އިން ފެށިގެން ނަތީޖާ ދޫކުރަމުންދާނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ޕޭޕަރުތައް އަލުން ބެލުމަށް ރިޗެކްއަށް ލާން ބޭނުންވާ ދަރިވަރުންނަށް އެފުރުޞަތު މިމަހުގެ 26 ގެ ނިޔަލަށް އޮންނާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ރީޗެކް ކުރުމަށް އެދޭ ދަރިވަރުން އެދަރިވަރެއްގެ އިމްތިޙާނު ސެންޓަރަށް އެކަމަށް އެދި ފޮނުވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.

މިދިޔަ އޮކްޓޯބަރުގައި ރާއްޖޭގެ 40 ސެންޓަރެއްގައި އޭލެވެލް އިމްތިޙާނު ވަނީ ކުރިއަށްގެންގޮސްފައެވެ.

މިގޮތުން ޖުމްލަ 2849 ދަރިވަރުން ވަނީ އޭލެވެލް އިމްތިޙާނުގައި ބައިވެރިވެފައެވެ. މީގެތެރެއިން 2785 ދަރިވަރުންނަކީ އެޑެކްސެލް އޭލެވެލްގެ މާއްދާތަކުން އިމްތިޙާނުގައި ހެދި ދަރިވަރުންނެވެ. އަދި 1299 ދަރިވަރުންނަކީ އެޗްއެސްސީ އިމްތިޙާނު ހެދި ދަރިވަރުންނެވެ.