ޚަބަރު

ހުޅުމާލޭގައި އުޅޭ ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންނަށް ބަހުގެ ޚިދުމަތް ފަށައިފި


ހުޅުމާލޭގައި ދިރިއުޅޭ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށް ސްކޫލު ބަހުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާދެއްވަމުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ހެޑް އޮފް ހިއުމަން ރިސޯސް، އަޙްމަދު ނައީމް އުމަރު ވިދާޅުވީ، ހުޅުމާލެއިން އެ ސްކޫލަށް އައިސް، ގޮސް އުޅޭ ވަރަށް ގިނަ ދަރިވަރުން އުޅޭ ކަމަށެވެ. އަދި މި ދަރިވަރުންނަށް ބަހުގެ ޚިދުމަތް ދިނުމަށް ނިންމީ ކުދިންނަށް އެންމެ ރައްކާތެރި ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ކާރުގައި ދަތުރު ކުރާ ކުދިންވެސް އުޅޭކަމަށާއި ގިނައީ ސައިކަލުގައި އަންނަ ކުދިން ކަމަށް ފާހަގަވާތީ އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިފަދަ ޚިދުމަތެއް ފެށުމުގެ އެންމެ ބޮޑު މަޤްޞަދުކަމަށެވެ.

"މަޤްޞަދަކީ ކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅެއް އެޅުން. އެބައުޅޭ ކާރުގައި ވެސް އަންނަ ކުދިން. އެހެން ނަމަވެސް ފުދޭވަރަކަށް ގިނަ ކުދިން ސައިކަލް ގައި އަންނަކަން ފާހަގަވޭ" ނައީމް ވިދާޅުވިއެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ސްކޫލް ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައި މިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އަބޫ ޕްލަސް ކޮންޓްރަކްޝަން އެންޑް ޓްރާންސްޕޯޓް ސާރވިސްއާއި ޙަވާލުކޮށްގެންނެވެ. މި ޚިދުމަތުގައި ބޭނުންކުރަމުންދަނީ 31 ކުދިންގެ ޖާގައިގެ 2 ބަހެވެ.

ނައީމް ވިދާޅުވީ، ސްކޫލް ބަހުގެ ޚިދުމަތް އަމިއްލަ ފަރާތަކާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ނަމަވެސް ބަހުގައި ސްކޫލުގެ ސްޓާފުން ތިބޭނެކަމަށެވެ.

އެގޮތުން ހުޅުމާލެ އެންމެ ފުރަތަމަ ސްޓޮޕުން ބަހަށް ސްކޫލުގެ ސްޓާފެއް އަރާނެކަމަށާއި، މުވައްޒަފު ފައިބާނީ އެންމެ ފަހު ކުއްޖާއާ އެއްކޮށް ކަމަށް ނައީމް ވިދާޅުވިވެ. ބަހުގައި ޓީޗަރުންވެސް ތިބޭނެ ކަމަށާއި، ސްކޫލު ކައިރިއަށް ބަސް ހުއްޓުމުން ޓީޗަރުން، ދަރިވަރުން ގޮވައިގެން ކްލާސްތަކަށް ގެންދާނެ ކަމަށް ވެސް ނައީމް ފާހަގަކުރިއެވެ. އަދި ސެޝަން ނިމުމުން ދަރިވަރުން ގޮވައިގެން ބަހަށް ޓީޗަރުންވެސް އަރާނެކަމަށް ނައީމް ވިދާޅުވިއެވެ.

ބަސް އޮޕްރޭޓް ކުރާ އަބޫ ޕްލަސް ކޮންޓްރަކްޝަން އެންޑް ޓްރާންސްޕޯޓް ސާރވިސް އާއި ސުކޫލްގެ ބެލެނިވެރިންނާއި ސުކޫލާއި މަޝްވަރާ ކުރުމަށްފަހު މި ޚިދުމަތަށް ފީއެއްގެ ގޮތުގައި ވަކި އަދަދެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތުގައި ހެނދުނު ގަޑީގައި ބޭނުންކުރާނީ އެންމެ ބަހެކެވެ. ނަމަވެސް މެންދުރުފަހު ދެ ގަޑިއަކަށް ދަރިވަރުން ނިމޭތީ، އެގަޑީގައި ދެ ބަސް އޮޕަރޭޓްކުރާނެއެވެ. މި ބަސްތައް ހުޅުމާލޭ ފޭސް 2 އަކަށްވެސް ދަތުރުކުރާނެއެވެ. އެ ސްކޫލުން ވަނީ ބަސްތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުދިން ނެގުމަށް މަޑުކުރާނެ ސަރަޙައްދުތައްވެސް ކަނޑައަޅާފައެވެ.

ޣިޔާސުއްދީން ސުކޫލް ބަސް ހުއްޓާނެ ތަންތަން:

  • ○ ހިޔާ ފްލެޓް 10 އަކާއި 11 އައި ދެމެދު
  • ○ ސްޓެލްކޯ ފްލެޓްތައް ކައިރި
  • ○ ސެންޓަރަލް ޕާކް އިރުމަތި
  • ○ ސްވިމިން ޓްރެކް ގޭޓުކުރިމަތި
  • ○ ހުޅުމާލެ ހޮސްޕިޓަލު އިރުމަތި
  • ○ ރެހެނދި ސުކޫލް ބިއްދަށުމަގު
  • ○ ޣާޒީ ސުކޫލް ކަންމަތި

މީގެ އިތުރުން މި ބަސްޓޮޕް ތަކުތެރެއިން ބަސްޓޮޕަކުން އެއްވެސް ކުއްޖަކަށް ބަހައް ނޭރިއްޖެނަމަ، ހުޅުމާލެއިން ބްރިޖަށް ދާން އިންނަ ހައިވޭއާ އެންމެ ކައިރީގައި ހުންނަ އެމް.ޓީ.ސީ.ސީގެ ބަސް ސްޓޮޕް ކައިރިއަށް ދަރިވަރުން ގެނެސްދިނުމަށް ބެލެނިވެރިންނަށް ޣިޔާސުއްދީން ސްކޫލުން އަންގާފައެވެ.