ޚަބަރު

ކާބުލްގައި ބޮމެއް ގޮއްވާލައި 20 މީހުން މަރާލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެއްޖެއެވެ. ބޮން ގޮއްވައިލާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ކުރިމަތީގައެވެ. ހަމަލާދީފައި މި ވަނީ، ބައްދަލުވުމެއްގައި ބައިވެރިވުމަށް ޗައިނާގެ ޚާރިޖިއްޔާގެ ވަފުދެއް އެ ތަނަށް ޒިޔާރަތް ކުރަން އުޅުނު ވަގުތެއްގައެވެ.

އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން ދަނީ ތާލިބާނުންނެވެ. އެ ޖަމާޢަތުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ވެރިކަމާ ހަވާލުވެފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ވެރިކަމާ ހަވާލުވުމަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމުގައި ތާލިބާނުން ބުނި ނަމަވެސް، އެ ޖަމާޢަތާ ދެކޮޅު ފަރާތްތަކުން ދޭ ހަމަލާތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ.

ފަހަކަށް އައިސް ދީފައިވާ މި ފަދަ ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުންނެވެ. ޚާރިޖީ ވުޒާރާގެ ކުރިމަތީގައި ބޮން ގޮއްވައިލި މީހާ ފެނުނު ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. ހަތިޔާރު އަޅައިގެން ހުރި މީހާ ބޮން ފޮރުވާފައި އޮތީ އޭނާ ގެންގުޅުނު ދަބަހެއްގެ ތެރޭގައި ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ.

ކާބުލްގެ ފުލުހުންގެ އިސްވެރިޔާ ޚާލިދް ޒަދްރާން ބުނީ މި ހަމަލާގައި ގިނަ އަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލުނު ކަމުގައެވެ. އަދި، ހަމަލާއާ ގުޅިގެން އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. މި ހަމަލާގައި މަރުވެފައިވާ ގިނަ އަދަދެއްގެ ބަޔެއްގެ ހަށިތައް، ދައުރުވަމުންދާ ވީޑިޔޯތަކުން ފެނެއެވެ. މި ހަމަލާގައި ޚަރިޖީ ވުޒާރާގެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނެތް ނަމަވެސް، މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

މި ހަމަލާ ދީފައި މި ވަނީ ޗައިނާގެ ޚާރިޖީއްޔާގެ ވަފުދަކާއި ތާލިބާނުންގެ އިސްވެރިންނާ ބައްދަލުކުރުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައި ކަމަށާއި، ނަމަވެސް ހަމަލާ ދިން ވަގުތު ޗައިނާގެ އޮފިޝަލުން ތިބީ ކޮން ތަނެއްގައި ކަން ސާފު ނޫން ކަމުގައި ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓަރ މުހާޖިރު ފަރާހީ ވިދާޅުވިއެވެ.

2022 ޑިސެންބަރުގައި ކާބުލްގައި ހުންނަ ހޮޓަލެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި ވެސް ޗައިނާގެ ފަސް މީހަކު ޒަޚަމުވިއެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އައި.އެސް. ޖަމާޢަތެވެ. އެ ޖަމާޢަތުގެ ހަނގުރާމަވެރިން ހުސްވި ޑިސެންބަރު މަހު ކާބުލްގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއަށް ވެސް ހަމަލާދިނެވެ. އެ ހަމަލާއަކީ، ޕާކިސްތާނުގެ ސަފީރު އަވަހާރަކޮށްލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަކޮށްފައެވެ.

2022 އޮކްޓޫބަރު މަހު އައި.އެސް.އިން ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ހަމަލާއެއްގައި ހަތަރު މީހުން މަރުވިއެވެ. އަދި، އިތުރު 25 މީހުން ޒަޚަމުވިއެވެ. އެ ހަމަލާގައި ބޮން ގޮއްވައިލާފައި ވަނީ ދާޚިލީ ވުޒާރާގެ ގޯތިތެރޭގައި ހުންނަ މިސްކިތެއްގައެވެ. އަދި، 2022 ސެޕްޓެންބަރު މަހު ދިން ބޮމުގެ ހަމަލާއެއްގައި ރަޝިޔާގެ ޚާރިޖިއްޔާގެ ދެ އޮފިޝަލަކު ވެސް ވަނީ މަރައިލާފައެވެ.