ޚަބަރު

އީވްނިންގ ކެފޭ އަލިފާނުގެ ޙާދިސާއާގުޅިގެން އެއް ޢާއިލާއަށް ވަގުތީ ހިޔާވަހިކަން


"އިވްނިންގ ކެފޭ" އަލިފާނުގެ ޙާދިސާގައި 9 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙުސެއިން ވިދާޅުވީ، އަލިފާނުގެ ޙާދިސާ ހިނގި ކެފޭގެ ބިއްދޮށުގައި ހުރި ގެއަކުން މީހުން ހުސްކޮށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މިއީ އެއް ޢާއިލާއަކަށް ނިސްބަތްވާ 6 މީހުންނާއި އެގޭގައި މަސައްކަތްކުރުމަށް ހަރަކާތްތެރިވާ 3 ބިދޭސީންކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ. އަދި މި ޙާދިސާގައި ހަލާކުވި އިވްނިންގ ކެފޭގެ އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުންދާ މީހުންނަށް އެކެފޭގެ ވެރިފަރާތުން އެކޮމޮޑޭޝަން ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެން.ޑީ.އެމް.އޭއިން ވިދާޅުވީ، އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެވަގުތު ކައިރި ޢިމާރާތްތަކުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކު އެ ސަރަޙައްދުން ދުރަށް ގެންދިޔަކަމަށެވެ. އަދި އެމް.އެން.ޑީ.އެފްގެ ފަރާތުން މީހުން އަނބުރާ ވަނުމަށް ހުއްދަ ދެމުންދާ ޢިމާރާތްތަކަށް މީހުން ވަނުމުގެ ހުއްދަ ދެމުންދާއިރު މިޙާދިސާގައި ކަރަންޓު ކެނޑިނު ގޭބިސީތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.

އޯކިޑްމަގުގައި ހިންގަމުން އަންނަ އީވްނިންގ ކެފޭގައި ހިނގި އަލިފާނުގެ ޙަދިސާގައި އެތަނުގެ ބަދިގެއާއި އެކޮމޮޑޭޝަން ބްލޮކްވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.