އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯން އެހީގެ ދަށުން ނ.އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ. މިއީ ބަނދަރު ހެދުމާއި، ލަފާފުރުމުގެ ދަތިކަން ހައްލު ކުރެއްވުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެމް.ޓީ.ސީ.ސީން މައުލޫމާތު ދެއްވައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މަސައްކަތް ފަށާފައިވަނީ ވެލިދޫ، މާފަރު އަދި މާޅެންދޫގައެވެ. މީގެ ތެރެއިން ވެލިދޫ އަދި މާޅެންދުއަކީ މީގެ ފަނަރަ އަހަރު ކުރިންވެސް ބަނދަރު ހަދާފައިވާ ރަށްތައްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ރަށުގެ ބޭރު ތޮށި ހަލާކުވެ، އެއްގަމު ތޮށި ގަނޑު ވަރަށް ބޮޑަށް ވީރާނާ ވެފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. މާފަރަކީ އަލަށް ބަނދަރު ހަދާ ރަށެކެވެ. ވެލިދޫގައި އަލަށް ހަދާ ބަނދަރަކީ 850 ފޫޓް ދިގު ބަނދަރެކެވެ. އަދި މާފަރުގައި ހަދަނީ 800 ފޫޓް ދިގު ބަނދަރެއް ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. އަދި މާޅެންދޫ ބަނދަރަކީ 600 ފޫޓް ދިގު ބަނދަރެއް ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. މިތިން ރަށުގެ އިތުރުން އައި.ޑީ.ބީ ލޯން އެހީގައި އިތުރު ހަތް ރަށެއްގެ ބަނދަރު ހެދުމަށް ވަނީ ނިންމަވާފައެވެ. ނަމަވެސް އެ ރަށްތަކުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ. އެއީ ހދ.ނޮޅިވަރަމާއި، ހދ.ނޮޅިވަރަމްފަރާއި، ރ.އިންނަމާދުއާއި، މ.ކޮޅުފުއްޓާއި، ކ.ތުލުސްދުއާއި، ލ.ގަމު ތުނޑި އަވަށު ބަނދަރުގެ އިތުރުން ޏ.ފުވައްމުލަކު ބަނދަރެވެ. އައި.ޑީ.ބީ ލޯންގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަށް 21 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކަރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.