ޚަބަރު

އަނދާ ހުލިވި ނީލަންފިހާރަ، އަދިވެސް ބައެއް ހިސާބުން ދުން އަރާ


މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ހޯމަދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އަދިވެސް އެތަނުގެ މެދުތެރޭގައި ދުމުގެ އަސަރު ހުރި ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައިފިއެވެ. ނީލަން ފިހާރައިގައި ހިނގި މިއަލިފާނުގެ ހާދިސާގައި ނީލަންފިހާރަ ހިމެނޭ ސަރަޙައްދާއި، އެތަނާއި އިންވެގެން ހުރި އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާ ހުލިވެފައެވެ.

ނީލަން ފިހާރައިގައި ރޯވި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުއައް މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ފަތިހުގެ 5:45 ހާއިރުއެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. އަދި އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. މިއަލިފާން މިހާ އަވަހަށް ފެތުރިފައިވަނީ މިތަނުގައި ގިނަ އަދަދެއްގެ ލަކުޑިއާއި އަލިފާން ހިފާ ޒާތުގެ މުދާ ހުރުމުން ކަމަށް އެމްއެންޑިއެފްއިންވަނީ ހާމަކުރައްވާފައެވެ.

އަލިފާން ރޯވާން ފެށުމާއެކު އެކޮމޮޑޭޝަން ބްލޮކްތަކުން މީހުން ނެރެ އެތަން ވަނީ ހުސްކޮށްފައެވެ. މިއެކޮމޮޑޭޝަން ބްލޮކްތަކުގައި ދިރިއުޅެމުންދިޔައީ މާލެ ސިޓީ ކައުންސިލްގެ 202 ބިދޭސީ މުވައްޒަފުންނާއި ރެއިންބޯގެ ބިދޭސީ މުވައްޒަފުން ނެވެ. މިމީހުންގެ ތެރެއިން ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނަށް އިމާދުއްދީންގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިނެވެ. އޭގެ ފަހުން ސިޓީ ކައުންސިލުން ވަގުތީ ހިޔާވަހިކަމަށް ސަރުކާރުގައި އެދުމުން މިމީހުންނަށްވަނީ ހުޅުމާލޭގެ ކޯވިޑް ވިލެޖް ހަމަޖައްސާދީފައެވެ. އަދި ރެއިންބޯގެ 133 ބިދޭސީން އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށްވަނީ ބަދަލުކޮށްފައެވެ.

މިއަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ގާތްގަޑަކަށް ދެގަޑިއިރާއި 45 މިނިޓުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މިފަދަ ނުރައްކާތެރި އަލިފާންގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން މާލެތެރޭގައި ހުރި ލަކުޑި ގުދަންތަކާއި ކެމިކަލް ގުދަންފަދަ ތަންތަނުގެ އިތުރުން ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ތަންތަން ފާހަގަކުރަމުންގެންދާ ކަމަށް އެސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލްނަސީމްވަނީ ވިދާޅުވެފައެވެ. އަދި އަލިފާނުގެ ޙާދިސާތައް ހިނގާފާނެ ފަދަ ނުރައްކާތެރި ބައެއް ތަންތަން އަދިވެސް މާލެތެރޭގައި އެބަހުރިކަމަށާއި އެތަންތަން ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.އަދި މިފަދަ ނުރައްކާތެރި ތަންތަން މީހުން އުޅޭ ސަރަޙައްދާއި ދުރަށް ބަދަލުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ޕްލޭންތައް ހެދި ޢަމަލުކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި އަލިފާންގެ ހާދިސާތައް ކައިރި ކައިރީގައިވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު މ.ނިރުފެހިގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ބިދޭސީންގެ 10 މީހަކު ވަނީ މަރުވެފައެވެ. އެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވި ހާދިސާއެވެ. އަދި ނިމުނު ޑިސެމްބަރުމަހު ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ އެކޮމަޑޭޝަން ބްލޮކްވެސްވަނީ އަނދާ ހުލިވެފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ ގދ. ފިޔޯރީ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެސްކޫލުގެ ބައު ހޯލް އިމާރާތްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައިވަނީ މި ފަހުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ފަހުން ހިނގާ ދިޔަ އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބަލަން ބޭރުގެ ފޮރެންސިކް އެކްސްޕާޓުންތަކެެއް ގެނެސް، ތަހުގީގުތަކެއްވެސް ވަނީ ފަށާފައެވެ.