ޚަބަރު

ޕާކިސްތާނުގެ އެހީގައި ނޫސްވެރިން ތަމްރީން ކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި


ޕާކިސްތާނުގެ އެހީގައި ދިވެހި ނޫސްވެރިން ތަމްރީންކުރުމާގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން، ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

ޕާކިސްތާނު ހައިކޮމިޝަންގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލުގެ ރައީސް އަޙްމަދު މުސްތަފާއާއި، މެންބަރު މޫސާ ރަޝީދާއި، މެންބަރު އުސްތާޒާ އަރުމާން ރަޝީދާއި، މެންބަރު މުޙައްމަދު އަފްރާޙާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ.

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީއާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރްނައިން އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީޑިއާ ކައުންސިލުގެ ރައީސް އަޙްމަދު މުސްތަފާ ވިދާޅުވީ، ޕާކިސްތާނު ހައިކޮމިޝަނާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، އެޤައުމުގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެގެނެސް ތަމްރީމް ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، މި ދާއިރާގެ ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މި ބައްދަލުވުމުގެ ތެރެއިން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވާފައިވާކަމަށެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި ދެމެދު އެއްބަސްވުމުގެ އެކުލަވާލާ، ގުޅުން ބަދަހިކޮށް މި ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ޕާކިސްތާނުގެ ސަފީރު ވިދާޅުވެފައިވާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.