ޚަބަރު

މެދުރާއްޖޭތެރޭގެ ކަނޑުތައް ގަދަ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރައްވާ!


މެދުރާއްޖޭގެ ކަނޑުތައް މިއަދާއި މާދަމާ ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެދު ރާއްޖެތެރޭގެ ކަނޑުތައް މިއަދާއި މާދަމާ ގަދަވާނެކަމަށް ލަފާކުރެވޭތީ އެ ސަރަޙައްދުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އިރުވައި މޫސުން ފެށުން މިއަހަރު ލަސްވެފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައަކީ އިރުވައި ފެށި ހަޅަޖަހާ ދުވަސްވަރުގެ ވައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބަށް ވައި ޢާއްމުގޮތެއްގައި ޖެހޭ މިންވަރަށްވުރެ ބާރަށް ވައި ޖެހޭނެކަމަށާއި އޭގެސަބަބުން ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މިގޮތުން މިއަދާއި މާދަމާ ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މިސަރަޙައްދަށް މިއަދާއި މާދަމާ ވައި ޖެހޭނީ އިރުއުތުރާއި އިރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭތީ އެގަޑިތަކުގައި މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. ޚާއްސަކޮށް މިސަރަޙައްދުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މެޓު އޮފީހުން ވަނީ އެކި ގަޑިތަކުގައި އެލަރޓް ނެރެފައެވެ. މިގޮތުން މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12 ޖެހުމާއި ހަމައަށް ޅ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. އަދި މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ވަނީ މިއެލާޓް ހަމަ އެސަރަޙައްދަށް ދަމަހައްޓާފައެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު، ކަނޑުމައްޗަށް ނިކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ސަލާމަތީ ވަޞީލަތްތައް ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަކީ މުހިއްމުކަމެކެވެ. ހަމައެއާއެކު ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގައި ނޫނީ ކުޑަކުދިންނާއެކު ދަތުރުނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭޙަތްތެރިވެފައެވެ.