ޚަބަރު

9 ކްރޫޒްލައިނަރއަކުން 12 ހާހަށްވުރެ ގިނަ ފަތުރުވެރިންގެ މިސްރާބު ރާއްޖެއަށް


ކޯވިޑާއި ގުޅިގެން ކުރޫޒްލައިނަރތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ ކްރޫޒްލައިނަރތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މިކްރޫޒްލައިނަރތައް ރާއްޖެއަށް އަންނަން ފެށީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން، ކްރޫޒް ވިޔަފާރި ހުއްޓުމަކަށް އައުމަށްފަހު، މިހާރު މަޑުމަޑުން އެވިޔަފާރި ރަނގަޅުވަމުންދާކަމަށެވެ. އެގޮތުން، މިއަހަރު ގިނަ އަދަދެއްގެ ކްރޫޒްލައިނަރތައް ރާއްޖެއަށް އައުމަށް ރާވާފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

މާޔާއިން ބުނީ މިހާތަނަށް 9 ކްރޫޒްލައިނަރއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ކްރޫޒްލައިނަރތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނަރތަކަށް ވުރެ ބޮޑު ކްރޫޒްލައިނަރތަކެއްކަމަށް މަޔާއިން ފާހަގަކުރެއެވެ. އެގޮތުން، 2826 މީހުންގެ ޖާގައިގެ ކްރޫޒްލައިނަރއަކާއި 2050 މީހުންގެ ޖާގައިގެ ކްރޫޒްލައިނަރއެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނަރއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނަރއެއްވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

މިކްރޫޒްލައިންތަކުގެ ޖާގައަަށް ބާލައި، ރާއްޖެއަށް ކްރޫޒަލައިންތަކުން އަންނާނެ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 12000 އަށް އަރައެވެ.

ކޯވިޑާއި ގުޅިގެން ބަންދުކުރި ބޯޑަރު ހުޅުވާލުމަށްފަހު، ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ކްރޫޒްލައިނަރ އައިސްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. 420 ފަތުރުވެރިންނާއިއެކު މިކްރޫޒްލައިނަރ ރާއްޖެއަށް އައިސްފައިވަނީ މޯލްޓަރގެ ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓުންނެވެ.

އޭގެފަހުން، ގިނަ އަދަދެއްގެ ކްރޫޒަލައިންތަކުން ރާއްޖެއަށް ދަތުރުފަށާފައިއެވެ. މާޔާއިން މަޢުލޫމާތުދޭ ގޮތުގައި، ނިމުނު ޑިސެންބަރުމަހު ރާއްޖެއަށް 4 ކްރޫޒްލައިނަރ ވަނީ އައިސްފައެވެ.

މިކްރޫޒްލައިނަރތަކުން ގިނަ އަދަދެއްގެ ފަތުތުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އެގޮތުން، ޑިސެންބަރުމަހު އެންމެ ފުރަތަމަ އައި ކްރޫޒްލައިނަރއިން 688 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އޭގެފަހުން 600 މީހުންގެ ޖާގައިގެ ދެ ކްރޫޒަލއިން ވަނީ ރާއްޖެއައިސްފައެވެ. މި ކްރޫޒްލައިނަރތަކުގެ ފަހުން، 220 ޖަޕާން ފަތުވެރިންނާއެކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި މިއީ ކޯވިޑަށްފަހު ޖަޕާނުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަހަރެވެ.

މިއާއިއެކު މިދިޔަ އަހަރު ކްރޫޒްލައިންތަކުން 3000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވާކަމަށް މާޔާއިން މަޢުލޫމާތުދެއެވެ.

ކޯވިޑްގެ ސަބަބުން ކްރޫޒްލައިންތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން މެދުކެނޑުމަށްފަހު، މިހާރު އަލުން ފަށާފައިވާއިރު، ގިނަ ކްރޫޒްލައިނަރތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ގިނަ ދަތިތަކެއް ހުރިކަން މާޔާއިން ފާހަގަކުރެއެވެ. އެގޮތުން، ކްރޫޒްލައިންތައް ބަނދަރުކުރުމުގައި ދިމާވާ ދަތިތަކާއި، ބޯޓުގައި ހުރި ފަތުރުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެނަމަ ބޯޓުގައި ތިބޭ އެހެން ފަތުރުވެރިންނަށް އަރާ ފޭބުން މަނާކުރުން މާޔާއި ފާހަގަކުރެއެވެ.

މީގެއިތުރުން، ކްރޫޒްލައިނަރތަކުން ފަތުރުވެރިން މާލެ ފޭބުމަށްފަހު މަޑުކުރާނެ ތަނެއް ނެތުމަކީވެސް ދިމާވާ ބޮޑު ދައްޗެއްކަމަށް މާޔާއިން ފާހަގަކުރެއެވެ. އަދި މިކަން ހައްލުކުރުމަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކްރޫޒް ޓަރމިނަލެއް ޤާއިމްކުރުމަށް ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކުރަމުންދާކަމަށްވެސް މާޔާއިން ފާހަގަކުރެއެވެ.

ކްރޫޒް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ވިޔަފާރިއެކެވެ. މިވިޔަފާރި އިތުރަށް ފުޅާކޮށް، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް، ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.