ޚަބަރު

އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެއްޖެ


ރ. އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެއްޖެއެވެ. އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެފައިވަނީ މިއަދު މެންދުރު 2:00 ހާއިރެވެ. މި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސް މަޢުލޫމާތުދެމުން އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޒަހީން ވިދާޅުވީ، މި ޙާދިސާގައި ރޯވެފައިވަނީ ބޯޓު ފަހަރު ބަނުމަށް ބޭނުންކުރުމަށްފަހު ކުނިގޮނޑަށް އުކާލާފައި ހުރ ފައިބަރުތަކެއްގައިކަމަށެވެ.

މި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވީނަމަވެސް، އެ ސަރަޙައްދުގައި ދުމުގެ އަސަރު އަދިވެސް ވަރަށް ބޮޑަށް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފައިބަރުތައް ހުރީ ޕެލެޓް ޕެލެޓަށް ދަށަށްކަމުން، އޭގެ ހޫނުން އަލިފާން ރޯވުމުގެ ފުރުޞަތު އަދިވެސް ބޮޑުކަމަށް ޒަހީން ވިދާޅުވިއެވެ.

ފައިބަރަކީ ވަރަށް ބާރުގަދަ ކެމިކަލްތައް ހިމެނޭ އެއްޗެއްކަން ފާހަގަކުރައްވާ ޒަހީން ވިދާޅުވީ، މި ވަގުތު ވައިހުރި ގޮތުން އަލިފާންގަނޑުގެ އަސަރު ރަށުތެރެއަށް ނުކުރާ ކަމަށެވެ.

"މިއަދު ވައި ހުރިގޮތުން ރަށުތެރެއަށް ދުމުގެ އަސަރެއް ނުކުރޭ. ހަމަ ވައި ދަށަށް އެދަނީ. އެއީ ވަރަށް ހިތްހަމަޖެހުން ލިބުނު ކަމެއް ރަށުތެރެއައް ވައި ނެތްކަން" ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމުގައި ފުލުހުންނާއި، ރަށުގެ ޒުވާނުންނާއި، ކައުންސިލާއި އަދި ރަށުގެ އާންމު ރައްޔިތުންގެ އެހީތެރިކަން ލިބިގެންދިޔަކަމަށެވެ.

އަލިފުށްޓަކީ ބޯޓުފަހަރު ބަނުމާއި، ފައިބަރުގެ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނަ އަންނަ ރަށެކެވެ. އެހެންކަމުން ރަށުގެ ބޯޓު ޔާޑު ސަރައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ރައްކާތެރި ނިޒާމެއް ރަށުގައި ޤާއިމުވެގެން ދިއުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.