ކުޅިވަރު

ކޯޗު ވިނީޝިއުސްގެ ޚާއްސަ އަމާޒެއް ޝަމާއިލަށް


ބީޗްވޮލީބޯޅަ ގައުުމީ ޓީމުގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީގެ ހާއްސަ އަމާޒެއް ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސެއިންއަށް އެބައޮތް ކަމަށް ކޯޗު ބުނެފިއެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔަކީ ޝަމާއިލްއެވެ. މީގެ ކުރިން އިންޑޯ ވޮލީބޯޅަ ޓީމަށްވެސް ކުޅުނު ޝަމާއިލް ވަނީ މި ފަހުން ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

އަނިޔާއިން ސަލާމަތްވެ، ކުޅުނު ފުރަތަމަ މުބާރާތަކީ މިދިޔަ މަހު ފަހު ކޮޅު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ކާވާ ބީޗްވޮލީބޯލް ޓުއާއެވެ. ޝަމާއިލްގެ ޕެއާއަކީ އަޙްމަދު މުޙައްމަދު (ކޯކޭ)އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މި ޕެއާ މޮޅުވި ނަމަވެސް ޖެހިގެން އައި ދެ މެޗުން ބަލިވެ މުބާރާތުން ވަނީ ކަޓައިފައެވެ.

ގައުމީ ކޯޗު ވިނީޝިއުސް ބުނީ، މިއީ ޝަމާއިލަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޝަމާއިލް ތަމްރީނު ކުރަމުން މި ގެންދަނީ ގައުމަށް ރީތި ނަން ހޯދާދޭނެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި، އެގޮތުން އަންޑަރ 21 މުބާރާތައް ވަކި ޓާގެޓަކާއެކު ޝަމާއިލް ތައްޔާރުކުރަމުން އަންނަ ކަމަށް ކޯޗު ފާހަގަކުރިއެވެ.

އަނިޔާއިން ސަލާމަތްވުމަށް ޝަމާއިލް ކުރި މަސައްކަތް ވިނީޝިއުސް ފާހަގަކުރިއިރު، ޒުވާން ކުޅުންތެރިއަކާ ބަލާއިރު، ޝަމާއިލްގެ ހުނަރާއި މަސައްކަތް ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ.

ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޝަމާއިލް ބުނީ، އަނިޔާއިން ރަނގަޅުވާން، ބީޗްވޮލީބޯޅަ ގައުމީ ކޯޗުގެ އިތުރުން އިންޑޯ ވޮލީބޯޅަ ގައުމީ ކޯޗުގެ އެހީވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި ފުރަތަމަ މުބާރާތް ކާމިޔާބު ނުވި ނަމަވެސް ކުރިއަށް ހުރި މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީއެއް ހޯދާ ގައުމަށް ރަން ވަނަ ހޯދައިދޭން ތައްޔާރަށްހުރި ކަމަށް ޝަމާއިލް ބުންޏެވެ.