ޚަބަރު

މިދިޔަ އަހަރު ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި 28 މީހަކު ޑީޕޯޓްކޮށްލެވުނު


ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި މިދިޔަ އަހަރު 28 މީހަކު ޑީޕޯޓްކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މަޢުލޫމާތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

މި އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން މިދިޔަ އަހަރު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 26 ބިދޭސީންނެވެ.

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ފާއިތުވި އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސް ކޮށްގެން ފާއިތުވި އަހަރު ތަޙުޤީޤުކޮށްފައިވެއެވެ. އޭގެ ތެރެއިން 6 މައްސަލައެއްގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާއިރު 2 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު 3 މައްސަލައެއް ވަނީ ފައިލުކޮށްފައެވެ.