ޚަބަރު

ސްރީލަންކާގެ ޗީފް އޮފް ޑިފެންސް، މިނިސްޓަރ މާރިޔާއާ ބައްދަލުކުރައްވައިފި


ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޝަވެންދަރު ސިލްވާ، ރާއްޖެއަށް ކުރައްވަމުންގެންދަވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ބައްދަލު ކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ހެޑްކޯޓާރޒްގައި އޮތް މިބައްދަލު ކުރެއްވުމުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިގުޅުމުގެ ތެރެއިން ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށާއި، އަސްކަރިއްޔާއަށް މާރިޔަ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސްރީލަންކާގެ ޗީފް އޮފް ޑިފެންސްވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ދެޤައުމު ދޭތެރޭ ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސްރީލަންކާގެ އަސްކަރިއްޔާއާ ވަރަށް ގާތްގުޅުމެއް އަބަދުވެސް އޮންނަކަން ފާހަގަކުރައްވާ، މިގުޅުމުގެ ތެރެއިން އެމްއެންޑީއެފްގެ އިންސާނީ ވަޞީލަތް ތަރަށްޤީ ކުރުމަށް ބޭނުންވާ ގިނަ ކޯސްތަކަކާއި ތަމްރީނުތަކެއް ސްރީލަންކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއިއެކު މިހާރު ވެސް ލިބެމުންދާކަން ފާހަގަކުރައްވާ، ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޚާއްޞަކޮށް، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ސިފައިން ތަމްރީނުކުރުމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން އެމްއެންޑީއެފް އަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދުމަށް ވެސް ވާހަކަ ދެކެވި މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފް ވަނީ ހާމަކުރައްވާފައެވެ.