ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރަލާއެކު 2 ދިވެހިން ހައްޔަރުކޮށްފި


ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި އެ ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 44 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ. އަދި 52 އަހަރުގެ މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމް.އެލްގެ 36 ފުޅި އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓުފެނިފައިވާ ކަމަށެއެވެ.

ފުލުހުން އިތުރަށް ބުނީ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 32 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. އަދި 52 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭވެސް ވަނީ ޑްރަގް އެންފޯސްމަންޓުން ހުޅުމާލޭގައި ހިންގި އޮޕްރޭޝަނެއްގައި ބަނގުރަލާއެކު ބިދޭސީ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހަޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.