ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާއިން ޓެސްލާ ކުންފުނި ޖޫރިމަނާކޮށްފި


އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޮމޭޓިވް ކުންފުނި، ޓެސްލާ އިންކް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ދެކުނު ކޮރެއާގެ އެންޓިޓްރަސްޓް ރެގިއުލޭޓަރއިން ބުނެފިއެވެ.

ޓެސްލާ ޖޫރިމަނާ ކުރަން ނިންމީ ފިނި މޫސުމުގައި ޓެސްލާ އިލެކްޓްރިކް ވެހިކަލް، އީވީ ދަތުރުކުރެވޭ ދުރުމިން ކަސްޓަމަރުންނަށް އަންގައި ނުދިނުމުގެ ސަބަބުންނެވެ. އެގޮތުން ޓެސްލާ އިންކް 2.2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ދެކުނު ކޮރެއާގެ އެންޓިޓްރަސްޓް ރެގިއުލޭޓަރ އިން ބުނެފިއެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަން، ކޭއެފްޓީސީން ބުނާ ގޮތުގައި ޓެސްލާގެ އިލްކެޓްރިކް ވެހިކަލްތައް އެއްޗާޖުން ދުއްވޭ ދުރުމިން ޓެސްލާއިން ވަނީ އޮޅުވާލާފައެވެ. އެކުންފުނީގެ ކޮރެއާ ވެބްސައިޓްގައި ވަރަށް ފަހަކާ ޖެހެންދެން ހުރި މައުލޫމާތަށް ބަލާއިރުވެސް ކާރުތަކަށް އެކި ފިނިހޫނު މިނުގައި ހަަކަތަ ބޭނުންވާ ވަރުވެސް ވަނީ އޮޅުވާލާފައެވެ.

ކޭއެފްޓީސީން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކާރުތައް ދުވާނެ ކަމަށް އިޝްތިހާރުކުރާ ދުރުމިނަށް އެއްޗާޖުން ނުދުވާ ކަމަށާއި އަދި ފިނި މޫސުމުގައި ދުވަނީ ބުނެފައި އޮންނަ ވަރުގެ ދެބައިކުޅަ އެއްބަޔަށެވެ. މިކަމާއި ގުޅިގެން ޓެސްލާ އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޓެސްލާގެ ވެބްސައިޓުގައި ފިނިމޫސުމުގައި ދުއްވުމުގެ އިރުޝާދުތައް ފޯރުކޮށްދީފައިވާއިރު، ބޭރުގެ ޕަވަރ ސޯސްތަކާއެކު އުޅަނދުތައް ޕްރީ ކޮންޑިޝަން ކުރުމާއި، ހަކަތަ ބޭނުންކުރާ މިންވަރު މޮނިޓަރ ކުރުމަށް އަޕްޑޭޓްކޮށްފައިވާ އެނާޖީ އެޕް ބޭނުންކުރި ނަމަވެސް ސަބް ޒީރޯ ޓެމްޕަރޭޗަރގައި ދުއްވުމުގެ ރޭންޖް ގެއްލޭ ވާހަކަ ވެބް ސައިޓްގައި ބުނެފައި ނެތެވެ.

ކާރުތަކަށް މީހުން ސަމާލުވުމަށް އެކަށީގެންވާ ގޮތުގައި ބުނެދީފައި ހުރި ނަމަވެސް، ދަތުރުކުރެވޭ ދުރުމިން ފާހަގަކޮށް ސަމާލުވުމަށް ބުނެފައި ނުވާ ކަމަށްވެސް ކޭއެފްޓީސީން ބުނެއެވެ. މިކަމުގެ ސަބަބުން ޓެސްލާ ކާރުތައް ދުއްވާ މީހުންނަށް ބޮޑެތި ގެއްލުން ވެފައި ހުރި ކަމަށްވެސް ކޭއެފްޓީސީން ބުނެއެވެ.

ދެކުނު ކޮރެއާއިން މިދިޔަ އަހަރު ވަނީ މާސިޑީޒް ބެންޒް އުފައްދާ ކުންފުނި ވެސް 16.2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާކުރަން ޖެހުނު ސަބަބެއް ކަމަށް ބުނީ ވެހިކަލްތަކުން ގޭސް ބޭރުކުރާ މިންވަރު ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާތީއެވެ.