ޚަބަރު

ފޮއްދޫ މީރުފެން ފަށަލަ ހަލާކުވުމުގެ ކުރިން އެރަށަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް


ޓޫރިޒަމް ފައްކާވަމުން އަންނަ ނ.ފޮއްދޫއަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ ފެނާއި ނަރުދަމާގެ ރަނގަޅު ނެޓްވޯކެއް ނެތުމުގެ މައްސަލައެވެ. އެރަށުގެ ފެން ފަށަލަ މަޑުމަޑުން ތަޢައްޔަރުވަމުންދާ ކަމުގެ ކަންބޮޑުވުން ފޮއްދޫ ކައުންސިލްގެ އެބައޮތެވެ.

ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ ނ.ފޮއްދޫ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ޚިދުމަތަކަށް މިހާރުވެފައި ވަނީ ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ރަށުގެ މީރު ފެންފަށަލަ އެއްކޮށް ހަލާކުވެގެން ދިޔުމުގެ ކުރިން އެރަށަށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ލިބުމަކީ ފޮއްދޫ ރައްޔިތުންގެ ބޮޑު އެދުމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނ.ފޮއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު މޫސާ ވިދާޅުވީ ފޮއްދޫގެ ގުދުރަތީ މީރު ފެންފަށަލަ ތަޣައްޔަރުވަމުންދާކަމަށެވެ. މިގޮތުން ރަށުގެ ބައެއް ސަރަޙައްދުތަކުގެ ފެން ސަކަރާތްވެ، އެކަމުގެ ކަންބޮޑުވުން އިތުރުވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ މަސައްކަތަކީ އެރަށު ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައި ތިބި ޚިދުމަތެއްކަން ފޮއްދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

ފޮއްދޫގައި ފެނާ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ވަނީ ފެނުގެ ނެޓްވޯކް އަޅާ ނިމި، ފެން ރައްކާކުރުމަށް ބަހައްޓަންޖެހޭ ތާނގީވެސް ބަހައްޓާފައެވެ. އަދި މިހާރު ކުރަމުން އަންނަނީ ގޭގެއަށް ކަނެކްޝަން ގުޅާލުމުގެ މަސައްކަތްތައްކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ މަސައްކަތްތައް މިހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މީގެކުރިންވެސް އެމްޑަބްލިއުއެސްސީން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ފޮއްދޫގެ ފަތުރުވެރިކަން ފުޅާކުރުމަށް ޝައުގުވެރިވާ ގިނަ ބައެއްގެވެސް އެންމެ ބޮޑު އެދުމަކީ ރަށުން އަސާސީ ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ލިބޭނެ މަގުފަހިވެގެން ދިޔުމެވެ. މިވަގުތުވެސް 2 ގެސްޓް ހައުސްއަކުން 33 ކޮޓަރި ފަތުރުވެރިކަމަށް ނެރެފައިވާ ފޮއްދޫގައި އިތުރު ގެސްޓް ހައުސްތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ލޭންޑް ޔޫސް ޕްލޭންގައި ގެސްޓް ހައުސް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާނެ ބިންތައް ކައުންސިލުން މިހާރުވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިޕްލޭނާއެކު އިތުރު ގެސްޓް ހައުސްތަކުގެ މަސައްކަތް ނިމިގެންދާއިރު ރަނގަޅު ފެނާއި ނަރުދަމާގެ ނެޓްވޯކެއް އޮތުމަކީ ރަށުގެ އިޤްތިޞާދަށްވެސް އޭގެ މަންފާކުރާނެކަމެއްކަމަށް ފޮއްދޫ ކައުންސިލުން ޤަބޫލުކުރެއެވެ.

މޯލްޑިވްސް ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ފޮއްދޫގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަރުދަމާގެ މަސައްކަތުގެ ދަށުން އެރަށުގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި އަސާސީ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ އެއްރަށަކަށް ފޮއްދޫ ވަނީ ވެފައެވެ. 487 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން ރަށުގެ އިންޖީނުގޭ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.