ޚަބަރު

ޚާރިޖީ ސިޔާސަތާއި ގުޅޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބާއްވަނީ


ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ދިނުމުގެ ޓްރެއިނިންގ ސެޝަންތަކެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި ސެޝަންތައް ބާއްވަން ހަމަޖައްސާފައި ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް) އިންނެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ފޮރިން ސާރވިސް ގާނޫނުގެ މަގުސަދުތައް ޙާސިލްކުރުމަށް ފޮރިން ސާރވިސް އިންސްޓިޓިއުޓުން، ޚާރިޖީ ސިޔާސަތާއި، އެ ސިޔާސަތާޢިގުޅޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ސްކޫލްދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް މި އަހަރު ތެރޭގައި ފަށަން ނިންމާފައިވާކަމަށެވެ.

އެގޮތުން މި ސެޝަންތަކަކީ ފޮސިމް އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން، ސަރުކާރު ވުޒާރާތަކާއި، ސްކޫލް، އަދި ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ސެޝަންތަކެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރެލް މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާރޝަލް ޑިޕްލޮމަސީ، ކޮންސިއުލަރ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށްދާނެކަމަށެވެ.