ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 1.49 ބިލިއަން ރުފިޔާގެ ލޯނު


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

އެސްޑީއެފްސީއަކީ މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ފަސޭހަކަމާއެކު ފައިނޭންސް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިހާތަނަށް 1230 ފަރާތަކަށް، 1.49 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އަދި މީގެތެރެއިން 324.8 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަންހެނުންގެ ބައިވެރިވުން އޮތް 301 ވިޔަފާރިއަކަށްކަމަށް ތަފާސް ހިސާބުތަކުގައިވެއެވެ.

ރާއްޖޭގެ އަންހެނުންގެ ތެރޭގައި އެކިއެކި ދާއިރާތަކުން ކުރިއަރަމުން އަންނަ އަންހެނުން ގިނައެވެ. ވަކިން ޚާއްސަކޮށް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ގިނައެވެ. މިއާއިއެކު ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ހުނަރުވެރި ޤާބިލް މީހުން އުފެއްދުމުގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ދަށުން އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެސްޑީއެފްސީން ދަނީ މައިގަނޑު 7 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ގޭގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން، މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ "އެސްއެމްއެމްއީ ހަބް"ގެ ނަމުގައި މޯލްއެއް ހުޅުވާފައެވެ. އެސްއެމްއީ ހަބްގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ތެރެއިން ގިނައީ އަންހެން ވިޔަފާރިވެރިންނެވެ.