ޚަބަރު

މިދިޔަ އަހަރު 46 މައްސަލައެއް ނިންމައި، 4 ފަނޑިޔާރަކު ވަކިކުރި


ފަނޑިޔާރުންނާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 46 މައްސަލައެއް ބަލާ ނިންމާފައިވާކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

ޖޭއެސްސީން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު ނިމުނު އަހަރުގެ އެކޮމިޝަންގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ރިޕޯޓްގައެވެ.

ޖޭއެސްސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް ވަނީ މިދިޔަ އަހަރު 393 ޝަކުވާ ހުށަހަޅާފައެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާއި އަޅާބަލާއިރު 2.72 އިންސައްތަ މަދު އަދަދެކެވެ. 2021 ވަނަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާއެވެ.

މިދިޔަ އަހަރު ޖޭއެސްސީ ބެލި މައްސަލަތަކުގެ ތެރެއިން 4 ފަނޑިޔާރެއް މަޤާމުން ވަކި ކުރުމަށް ނިންމައި، މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި 9 ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލައި ނަސޭހަތް ދިނުމާއިއެކު ތަމްރީން ޕްރޮގުރާމު ފުރިހަމަ ކުރުމަށް ވަނީ އަންގާފައެވެ.

މިދިޔަ އަހަރު ޖޭއެސްސީން ވަނީ 3 ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްވެސް ނިންމާފައެވެ. އަދި ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 24 މައްސަލައެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތިގެން ވަނީ ފައިލްކޮށްފައެވެ.

ޖޭއެސްސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު 12 ފަނޑިޔާރަކު ވަނީ ރިޓަޔާ ކުރައްވާފައެވެ. އަދި 6 ފަނޑިޔާރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މީގެއިތުރުން މިދިޔަ އަހަރު ވަނީ 11 ފަނޑިޔާރަކު އަލަށް އަޔަން ކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓަށް އައްޔަން ކުރެވުނު 3 ފަނޑިޔާރަކާއި، ސްޕީރިއާ ކޯޓުތަކަށް އައްޔަން ކުރެވުނު 2 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު 6 ފަނޑިޔާރުންނެވެ.

މިދިޔަ އަހަރު 33 އިސް މެޖިސްޓްރޭޓުންނާއި، 2 އިސްމެޖިސްޓްރޭޓަކު ވަނީ މަޤާމަށް އައްޔަން ކުރައްވާފައެވެ.

މިދިޔަ އަހަރު ނިމިގެންދިޔައިރު، ޖުޑީޝަރީގައި 170 ފަނޑިޔަރުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 147 ފިރިހެން ފަނޑިޔާރަކާއި، 23 އަންހެން ފަނޑިޔާރެކެވެ.