ޚަބަރު

ވ.އަތޮޅުގެ ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑެއް


ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މިއަދު ހެނދުނު 09:03ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފެނުނު އެހަށިގަނޑު ފުލުހުންގެ ލޯންޗަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފެވެ.

ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާއިރު ވިލިމާލެއިން ފުރައިގެން ތެޔޮ ބޯޓެއްގައި ދިޔަ ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ފުލުހުން އެންމެ ފަހުން ބުނީ މިބޯޓު އެއަރޕޯޓުގެ ނެރު ކައިރިން އޮޔާ ދަނިކޮށް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް މިބޯޓުން ދަތުރުކުރި ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްއާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ފެނިފައި ނުވާތީ މިދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.