ޚަބަރު

ޢިއްޒުއްދީން ފާލަން ކައިރީ މޫދަށް ކަޅުތެޔޮ އެޅިގެން ސާފުކުރަނީ


ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ ޢަދަދެއްގެ ކަޅުތެޔޮ އެޅުމާއި ގުޅިގެން، މޫދުން ކަޅު ތެޔޮ ސާފުކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްއިން ފަށައިފިއެވެ.

މިސަރަޙައްދަށް ކަޅުތެޔޮ އެޅިފައިވާކަމުގެ މަޢުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމް.އާރް.ސީ.ސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:10 ހާއިރެވެ. މިއާއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން އަންނަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުނެވެ.

މިކަމުގައި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސްއާއި، މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލުން ޙަރަކާތްތެރިވަމުންދާކަމަށް އެމް.އެން.ޑީ.އެފް.އިން ވިދާޅުވެއެވެ.


ޢިއްޒުއްސީން ފާލަން ސަރަޙައްދަށް މިކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއްނުވެއެވެ. މޫދަށް ކަޅުތެޔޮ އެޅުމަކީ އޭގެ ނުރައްކާ މޫދުގައި އުޅޭ އެކި ދިރުންތަކަށް ކުރާކަމެކެވެ. އަދި ހަމައެއާއެކު މިސަރަޙައްދަށް އަންނަ އުޅަނދުތަކަށްވެސް އޭގެ ގެއްލުމާއި ކުރިމަތިވެދާނެ ކަމެކެވެ.