ޚަބަރު

އައު އަހަރާއެކު ޔޫކްރެއިނު ގުގުމާލީ މިސައިލު ޙަމަލާތަކުން


ޔޫކްރެއިނުގެ ރައްޔިތުން އައު އަހަރަށް މަރުޙަބާ ކީތާ ގިނަ އިރުތަކެއް ފާއިތު ނުވަނީސް، ރަޝިޔާއިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ. ވެރިރަށް ކީވްގެ ރައްޔިތުން އައު އަހަރަށް މަރުޙަބާ ކީތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ރަށް ގުގުމައިގެން ދިޔައީ މިސައިލް ހަމަލާތަކުގެ އަޑުފަށްގަނޑާއެކުއެވެ.

މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިނުގެ ދިފާޢީ އަމާޒުތަކަށެވެ. ނަމަވެސް، ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ވެސް މިސައިލް ހަމަލާތައް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކީވްގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ވިދާޅުވީ އައު އަހަރާ ދިމާކޮށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނީ، ރަޝިޔާއިން ދިން ހަމަލާތަކުގެ ތެރެއިން 23 މިސައިލެއް ދިފާޢުކޮށްފައިވާ ކަމުގައެވެ. ރަޝިޔާގެ އިސްތިއުމާރީ ސިފައިންގެ އަތްދަށުން ޤައުމު މިނިވަން ކުރުމަށް ހަނގުރާމަ ކުރަމުންދާ ސިފައިންނާއި މަދަދުވެރިންގެ މަސައްކަތްތަކަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދެއްވި އައު އަހަރުގެ ތަހުނިޔާގެ މެސެޖުގައި ތާރީފު ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރަޝިޔާގެ ހަމަލާތަކަކީ އައު އަހަރާ ދިމާކޮށް ދިން ޓެރެރިސްޓް ހަމަލާތަކެއްގެ ގޮތުގައި ޔޫކްރެއިނުން ސިފަ ކުރެއެވެ. އަދި، މިއީ ޔޫކްރެއިނުގެ ރައްޔިތުންގެ ހިތުން ފިލައިގެން ދާނެ ހަމަލާތަކެއް ނޫން ކަމުގައި ވިދާޅުވެ، ޒެލެންސްކީ ވަނީ މި ކަމަށް ޔޫކްރެއިނު ރައްޔިތުން ދުވަހަކު ވެސް މަޢާފު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކީވްއަށް ރަޝިޔާއިން 20 މިސައިލް ހަމަލާ ދިން ކަމުގައި ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، ދެކުނުގައިވާ ޚާރްސަންއާއި އުތުރުގައިވާ ޒިޓޮމީރްއަށް ވެސް މިސައިލް ހަމަލާތަކެއް ދިން ކަމުގައި ރިޕޯޓުކޮށްފައިވެއެވެ. ކީވްއަށް ޑްރޯން ބޭނުންކޮށްގެން ވެސް ހަމަލާތައް ދީފައިވާ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އޮލެކްސީ ކުލެބާ ވިދާޅުވިއެވެ.

އައު އަހަރާ ދިމާކޮށް ޔޫކްރެއިނުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ދެކުނުގައިވާ ބެލްގޮރޮޑަށް ހަމަލާތަކެއް ދީފައިވާ ކަމުގައި ރަޝިޔާއިން ވެސް ވަނީ ބުނެފައެވެ. ބެލްގޮރޮޑްގެ ރަށެއް ކަމުގައިވާ ޝެބޮކީނޯއަށް ދިން މި ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ބުނެއެވެ. ޔޫކްރެއިނުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައެއް ނުވެއެވެ.