ނިމިގެންމިދާ 2022 ވަނަ އަހަރަކީ ކޯވިޑުގެ ކުރިން ދުނިޔޭގެ އިޤްތިޞާދުތައް އޮތް ހިސާބަށް އިޤްތިޞާދުތައް އަލުން ގެންދިއުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ގިނަ މަސައްކަތްތަކެއް ކުރި އަހަރަކަށެވެ. ނަމަވެސް ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިޤްތިޞާދުތައް އިއާދަކުރުމަށް ކުރި މަސައްކަތްތަކަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ރާއްޖެއަކީވެސް ކޯވިޑްގެ ހާލަތުން އަރައިގަނެ، އިޤްސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރި އެއް ޤައުމަށްވާއިރު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ވަނީ ހީނަރުކަމަކާއި ކުރިމަތިލާންޖެހިފައެވެ.
ނަމަވެސް ސަރުކާރުން ވަނީ ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ހަރުދަނާ މާލީ ސިޔާސަތެއް އެކަށައަޅުއްވައި، ތަންފީޒުކުރައްވާފައެވެ. އަދި ސަރުކާރުން އޭރު އެޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ މިއަހަރު ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ.
ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތުން ކުރިން އަންދާޒާ ކުރި މިންވަރަށްވުރެވެސް ރަނގަޅަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރާފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކޯވިޑްގައި ރާއްޖޭގެ އިޤްތިޞާދު މުޅިން ހުއްޓި، އިޤްތިޞާދު އެއްކޮށް މަޑުޖެހުނުނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިޞާދު ވަނީ 41.7 އިންސައްތައިން ކުރިއަރައިފައެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.
ސަރުކާރުގެ އިތުރުން ބައިނަލްއަޤްވާމީ މާލީ އިދާރާތައްކަމަށްވާ އައި.އެމް.އެފްއާއި ވޯލްޑް ބެންކުންވެސް ވަނީ ރާއްޖޭގެ އިޤްތިޞާދު މިއަހަރު ނިމޭއިރު ކުރިއަރާނެކަމަށް ލަފާކޮށްފައެވެ.
އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދާ ކުރިއެރުމުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތަކީ ފަތުރުވެރިކަމަށްވާއިރު، ފަތުރުވެރިކަމަށް ކޯވިޑަށްފަހު އަންނަމުންދާ ކުރިއެރުމުން ތަފާސް ހިސާބުތަކުން ފެނެއެވެ. އަދި ފަތުރުވެރިކަމާއި އެހެން ސިނާއަތްތައް ގުޅިފައި އޮތުމުން ރާއްޖޭގެ އިޤްތިޞާދުގެ އެހެނިހެން ސިނާއަތްތަކަށްވެސް މިއަހަރު ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އޭގެތެރޭގައި ދަތުރުފަތުރާއި، މުވާސަލާތާއި އިމާރާތްކުރުމުގެ ސިނާއަތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.
ކޯވިޑާއެކު އިޤްތިޞާދު ހީނަރުވެގެން ދިއުމުން ދައުލަތުގެ ބަޖެޓަށް އޭގެ ބުރަ ވަރަށް ބޮޑުވިއެވެ. ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުން، މި ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތިވިއެވެ. ނަމަވެސް ސަރުކާރުން މަސައްކަތްކުރީ އިޤްތިޞާދީގޮތުން ސަރުކާރުން އުފުލާ ބުރައިގެ އަސަރު ރައްޔިތުންނަށް ވީހާވެސް ކުޑަކޮށްގެން މަސައްކަތްތައް ކުރުމަށެވެ. މިގޮތުން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށްވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އޭގެ ސަބަބުން ތެލާއި އެހެނިހެން ޒަރޫރީތަކެތީގެ އަގު އެހެން ޤައުމުތަކުގައި އުފުލިގެން ގޮސްފައިވާ މިންވަރަށް އުފުލުނަނުދީ ހިފެހެއްޓުމަށް އެހީތެރިވެދިނެެވެ.
އިޤްތިޞާދީގޮތުން ގޮންޖެހުންތައް ބޮޑުވިނަމަވެސް، ސަރުކާރުން ވަނީ ވެފައިވާ ވައުދުތައް ފުއްދައި، ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެ ގޮތުގެ ޕްލޭނެއް ރާވާފައެވެ. އަދި އެކަމުގެ ސަބަބުން ރަށްރަށުގައި ފަށާފައިވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. އަދި އިތުރު މަޝްރޫޢުތައްވެސް ސަރުކާރުން ދަނީ ފަށަމުންނެވެ.
ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން އިޤްތިޞާދާއި ގުޅޭގޮތުން ފާހަގަކުރާ އެންމެ ބޮޑު ކަމަކީ ދަރަނީގެ މައްސަލައެވެ. ރާއްޖޭގެ ދަރަނި ބޮޑުވަނީ ހަމައެކަނި މި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ. މިގޮތުން މިދިޔަ ސަރުކާރުގައި ބައެއް ޕްރޮޖެކްޓްތައް ހިންގަން ނަގާފައިވާ ލޯނުތަކަކީ މާ އަގުބޮޑުކޮށް ނަގާފައިވާ ލޯނުތަކެއްކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. އަދި ބައެއް ލޯނުތައް ނަގައިގެން ހިންގާފައިވާ ޕްރޮޖެކްޓްތަކަކީ މާކެޓްގެ އަގުގެ ގޮތުން ބަލާއިރު މާބޮޑަށްވެސް އަގުބޮޑުކޮށް ހިންގާފައިވާ ޕްރޮޖެކްޓްތަކެއްކަން މާލީ އިދާރާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ކުރީ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ނަގާފައިވާ ލޯނުތަކެކެވެ. އަދި އެކަމުގެ ބުރަ ބޮޑުވެ، ސަރުކާރުން ބައެއް ކުންފުނިތަކަށް މާލީގޮތުން ބޮޑެތި ބުރަތަކެއް އުފުލަންޖެހުނުކަން ބައިނަލްއަޤްވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.
ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަންޏާއެކުވެސް މި ސަރުކާރުން ދިޔައީ ދައުލަތުގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ބަލަހައްޓަވަމުންނެވެ. އެގޮތުން ސަރުކާރުން ދިޔައީ ރާއްޖެއިން ނަަގާފައިވާ ދަރަނިތައް ގަވާއިދުން ދައްކަމުންނެވެ. އަދި ރާއްޖެއަށް ދަރަނި ނުދެއްކި، ބަނގުރޫޓްވުމުގެ ބިރު އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދިޔަނަމަވެސް، ސަރުކާރުން އަހަރު ނިންމާލީ އެފަދަ ބިރުވެރިކަމެއް ރާއްޖެއަށް ނެތްކަން ސާބިތުކޮށްދެއްވަމުންނެވެ. ސަރުކާރުން ވިދާޅުވާ ގޮތުން ރާއްޖެ ދަރަނިވެރި ވެދާނެފަދަ އެއްވެސް ހާލަތެއް ނެތްއިރު، އެކަށީގެންވާ ބާރު މިނެއްގައި ރާއްޖޭގެ އިޤްތިޞާދު ދަނީ ކުރިއަރަމުންނެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތައްކަމަށްވާ އައިއެމްއެފްއާއި ވޯލްޑް ބެންކުން މިއަހަރު ނެރުނު ހުރިހާ ރިޕޯޓެއްގައިވެސް ވަނީ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތަކެއް އަރައިގަނެ، އެންމެ ބާރަށް ދުނިޔޭގައި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު ހިމެނޭކަމަށް އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ބުނެއެވެ.
މާލީ އިދާރާތަކުން ބުނާގޮތުން ރާއްޖެއިން އިޤްތިޞާދީގޮތުން ހޯދަމުންދާ ކުރިއެރުންތަކުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ އަދި މާލީ ސިޔާސަތެވެ. ކޯވިޑާއެކު އެޅުއްވި ފިޔަވަޅުތަކާއި، ކޯވިޑަށްފަހު އިޤްތިޞާދު އިއާދަކުރަން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ. ވަޒީފާ ނެތް މީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހޯއްދައިދީ، ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް ފޯރުކޮށްދިން އެހީތެރިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބުތައްކަމަށް އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ފާހަގަކުރެއެވެ.
މިކަންކަމުގެ އިތުރުން ކުރިއަށް އޮތްތަނުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑުކުރުމަށް ސަރުކާރުން އެޅުއްވި ފިޔަަވަޅަށްވެސް ވޯލްޑް ބެންކުން ވަނީ މަރުހަބާ ކިޔާފައެވެ. ޔޫރަޕާއި އެމެރިކާގައި އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޓްރަސްޓް ރޭޓްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމުގައި ވަރަށް ބޮޑަށް ދޮރުތައް ވަނީ ބަންދުވެފައެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ލޯނާއި އެހީ ލިބުން ދަތިވުމުން، އެތެރެއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑުކުރުމަކީ ސަރުކާރުން އެޅުއްވި މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ވޯލްޑް ބެންކުން ދެކެއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކުރިއެރުންތަކާއި އަޑިގުޑަންތަކުގެ އަސަރު އިޤްތިޞާދަށްވެސް ކުރާނެއެވެ. މިގޮތުން ނިމިގެންދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރެކެވެ. ސަރުކާރުން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރެވިގެންދިޔަ އަހަރެވެ.
ނިމުނު 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދިޔަ އަހަރަށްވާއިރު މިއަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ އަމާޒުކަމަށްވާ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ސަރުކާރުން ވަނީ ވާސިލުވެފައެވެ. ނުވާނެކަމަށް ގިނަ ބަޔަކު ބުންޏަސް ސަރުކާރާއި އިންޑަސްޓްރީގެ މަސައްކަތްތެރިން ކުރި ހިވާގި މަސައްކަތުން އަހަރު ނިމުމުގެ މާކުރިން ފަތުރުވެރިކަމުގެ އަމާޒު ވަނީ ހާސިލުކޮށްފައެވެ.
ފަތުރުވެރިކަމުގެ އަމާޒަށް ވާސިލުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑްވެސް ރާއްޖެއިން ވިދިވިދިގެން 3 ވަނަ ފަހަރަށް ހާސިލުކުރީވެސް ނިމިގެންދިޔަ 2022 ވަނަ އަހަރުއެވެ.
ކޮންމެއަކަސް 2022 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެކެވެ. އަދި އަންނަ އަހަރަކީވެސް އުއްމީދުތަކުން ފުރިފައިވާ އަހަރެއްކަމަށް ސަރުކާރުން ދައްކާ ތަސައްވުރުން ހާމަވެއެވެ.