ޚަބަރު

220 ފަތުރުވެރިންނާއެކު ޖަޕާނުގެ ކްރޫޒްލައިނާއެއް ރާއްޖެއަށް


220 ފަތުރުވެރިންނާއެކު ޖަޕާނުގެ ކްރޫޒް ލައިނާއެއް ރާއްޖެ އައިސްފިއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ކްރޫޒްލައިނާތައް ރާއްޖެއަށް އައުން މެދުކެނޑުމަށްފހު ރާއްޖެއަށް ޖަޕާނުން އައި ފުރަތަމަ ކްރޫޒްލައިނާއެވެ. އަދި މިއީ ކޯވިޑަށްފަހު ޖަޕާނުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަހަރުވެސްމެއެވެ.

މިކްރޫޒް ލައިނާއިން ރާއްޖެއައި ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ހޫނު މަރުހާބައެއްކިޔާފައެވެ. 500 މީހުންގެ ޖާގައިގެ މިކްރޫޒްލައިނާއިން އައިސްފައި ވަނީ މުޅިންވެސް ޖަޕާން ފަތުރުވެރިންނެވެ.

ޖަޕާނުގެ "ނިޕޯން މަރޫ" ކްރޫޒްލައިނާ ރާއްޖެއަށް އައުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުޞޫމް ވިދާޅުވީ ޖަޕާނު މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށެވެ.

"ޖަޕާނު މާކެޓަކީ ވަރަށް މުހިންމު މާކެޓެއް ދިވެހިރާއްޖެއަށް. ޚާއްސަކޮށް ޕެންޑަމިކްގެ ކުރީގައި އަޅުގަނޑުމެންގެ މާކެޓުގެ 3 އިންސައްތަ އަކީ ޖަޕާން. އެވްރެޖްކޮށް އަހަރަކު 40000 އަށްވުރެ ގިނަ ފަތުރުވެރިން ޖަޕާނުން ރާއްޖެއަަށް ޒިޔާރަތްކުރޭ. އެހެންނަމަވެސް މިހާރު ވަރަށް ދަށްވެފަ އޮއްވާ ކަނޑުގެ މަގުން ގިނަ އަދަދެއްގެ ޖަޕާން ފަތުރުވެރިން އައުމަކީ ވަރަށް ހިތްހަމަޖެހޭކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކްރޫޒް ސެކްޓަރ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު ސެކްޓަރއެއްކަމަށެވެ. އެގޮތުން، ތަފާތު ޤައުމުތަކުން ކްރޫޒްލައިނާތައް އައުމަކީ ކްރޫޒް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ލިބޭ ބޮޑު ފުރަސަތެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކްރޫޒްލައިނާތައް މާލެއަށް އައިސް ބަނދަރުކުރުމުގައި ހުރި ގޮންޖެހުންތައް ވަރަށް އަވަހަށް ހައްލުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ކުރޫޒް ލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، ގިނަ ކުރޫޒް ލައިންތައް ރާއްޖެއަށް ވަނީ އަންނަން ފަށާފައެވެ. އެގޮތުން ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގެ ޤައުމެއްކަމަށްވާ މޯލްޓަރގެ މިކުރޫޒް ލައިނަރ ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓުންނެވެ. އެ ކްރޫޒްލައިނާގައި ރާއްޖެ އައިސްފައިވަނީ 420 ފަތުރުވެރިންނެވެ.