ކުޅިވަރު

ސީދާ ދެ ސެޓުން ބަންގްލަދޭޝްގެ ޕެއާ ބަލިކޮށް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާ ފައިނަލަށް


ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން ބީޗް ވޮލީބޯލް ޓުއާގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި، އާދަމް ނަސީމް (އެޑަމާ)ގެ ޕެއާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. ދެވަނަ މެޗުގައި ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާ ވެސް ދެ ސެޓުން ބަލިކުރިއިރު، ތިންވަނަ މެޗުގައި ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާ ބަލިކުރީވެސް ސީދާ ދެ ސެޓުންނެވެ.

ބުރާސްފަތި ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ބިސްވާން އާއި ޕަވެލްގެ ޕެއާގެ މައްޗަށްވެސް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ގެންދިޔައީ 22-20 އަދި 22-20 އިންނެވެ.

މި މުބާރާތުގައި ރާއްޖޭން ވާދަކުރި ދެވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަޙްމަދު މުޙައްމަދު (ކޯކޭ)ގެ ޕެއާއެވެ. ޝަމާއިލް އާއި ކޯކޭގެ ޕެއާއިން މުބާރާތުގެ ފުރަތަމަ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުން ބަލިވެ، މުބާރާތުން ވަނީ ކަޓައިފައެވެ.

މިއީ ޝަމާއިލް އާއި ކޯކޭގެ ޕެއާއެއްގެ ގޮތުގައި ވާދަކުރި ފުރަތަމަ މުބާރާތެވެ. އުންމީދީ ކުޅުންތެރިޔާ ޝަމާއިލް ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ފަހުން މުބާރާތެއްގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. ޝަމާއިލް ވަނީ މީގެ ކުރިން އިންޑޯ ވޮލީގެ ގައުމީ ސީނިއާ ޓީމަށް ކުޅެފައެވެ.