ޚަބަރު

މިދިޔަމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ.އަތޮޅާއި އއ.އަތޮޅުން


މިދިޔަމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކ. އަތޮޅާއި އއ. އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެއިދާރާއިން ނެރޭ ގްރީން ޓޭކްސް ރިޕޯޓުގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 76.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހު ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި 74.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ސަފާރީތަކުން 2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހޯމްސްޓޭ ފެސިލިޓީތަކުން 2350 ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނޮވެމްބަރު މަހު ލިބުނު ފައިސާގެ ތެރެއިން 26.3 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 25.1 މިލިއަނާއި ގެސްޓްހައުސްތަކުން ލިބިފައިވާ 1.1 މިލިއަން ރުފިޔާއެވެ.

2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ އއ. އަތޮޅުން، ނޮވެމްބަރު މަހު ވަނީ 7.9 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މުޅިންވެސް ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 4.5 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ލިބުނު ރުފިޔާއެވެ.

މިދިޔަ ނޮވެންބަރު މަހު އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފުވައްމުލައް ސިޓީއާއި ހދ. އަތޮޅު އަދި ފ. އަތޮޅެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ފުވައްމުލައް ސިޓީން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި 6703 ރުފިޔާއެވެ. ހދ. އަތޮޅުން 224947 (ދެ ލައްކަ ސައުއްވީސް ހާސް ނުވަ ސަތޭކަ ސާޅިސް ހަތެއް) ރުފިޔާ ލިބިފައިވާއިރު، ފ. އަތޮޅުން ވަނީ 452303 (ހަތަރު ލައްކަ ފަންސާސް ދެ ހާސް ތިން ސަތޭކަ ތިނެއް) ރުފިޔާ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ ޖުމްލަ 826 މިލިއަން ރުފިޔާއެވެ. އޮކްޓޫބަރު މަހު ފަންޑުގައި ހުރީ 801 މިލިއަން ރުފިޔާއެވެ.