ޚަބަރު

އަގު ކޮންޓްރޯލްކުރާ ޤައުމުތަކަށް ތެޔޮ އެކްސްޕޯޓު ކުރުން ރަޝިއާއިން މަނާކޮށްފި


ރަޝިއާ ޔުކްރެއިން ހަނގުރާމަ އާއި ގުޅިގެން ރަޝިއާއިން ތެޔޮ ގަންނަން ވަކި އަގެއް ކަނޑައަޅާފައިވާ ހުޅަނގުގެ ގައުމުތަކާއި ކުންފުނިތަކަށް ތެޔޮ ނުވިއްކާނެކަމަށް އެ ގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވައި އަންގާރަދުވަހު ޕުޓިން ވަނީ ގަވާއިދެއް ހައްދަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަކަށް ތެލުގެ އަގު ކޮންޓްރޯލު ކުރާ ޤައުމުތަކަށް ރަޝިއާއިން ތެޔޮ އެކްސްޕޯޓް ނުކުރާނެއެވެ.

ރަޝިޔާއިން ކަނޑުމަގުން ބޭރު ކުރާ ތެޔޮ ފީފާއަކަށް ދޭނެ އެންމެ މަތީ އަގަކީ 60 ޑޮލަރު ކަމަށް މި މަހު 5 އިން ފެށިގެން ކަނޑައެޅުމަށް ޖީ7ގެ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން އީޔޫ އަދި އޮސްޓްރޭލިއާއިން މި މަހުގެ ކުރީ ކޮޅު ވަނީ އެއްބަސްވެފައެވެ. އެމެރިކާ، ކެނެޑާ، ޔޫރަޕް އިއްތިހާތު، ޖަޕާން، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިންވެސް ވަނީ ރަޝިއާގެ ތެލަށް އަގު ކަނޑައެޅައި ކޮންޓްރޯލު ކުރުމަށް އެއްބަސްވެފައެވެ.

ސާފު ނުކުރާ ތެޔޮ ފެބްރުއަރީމަހުން ފެށިގެން އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ތެލުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން ހުއްޓާލާނެ ތާރީހެއް އަދި ކަނޑަނާޅައެވެ. އެކަން ކުރާނީ އެ ޤައުމުގެ ސަރުކާރުންނެވެ.

ރަޝިއާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެ ޤައުމުގެ ބަޖެޓް ޑެފިސިޓް އަންނަ އަހަރު ލަފާކުރާ ވަރަށްވުރެ 2 އިންސައްތަ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެކި ޤައުމުތަކުން ތެލުގެ އަގު ކޮންޓްރޯލު ކުރުމާ ގުޅިގެން ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ދަށްވުމުންނެވެ.

މި ނިންމުމާ ގުޅިގެން އަޅަން ޖެހޭ ރައްދު ފިޔަވަޅުތައް އަޅާނެކަމަށް ރަޝިޔާއިން އޭރު ބުނެފައިވީ ނަމަވެސް މަތީ އަގު ކަނޑައެޅި ގައުމުތަކަށް ތެޔޮ ވިއްކުން މަނާކުރާނެކަން ކްރެމްލިންއިން ހާމަކޮށްފައި ވަނީ އިއްޔެއެވެ.