ޚަބަރު

ރިޔާސީ އިންތިޚާބުގެ އެންމެ ގިނަ ވޯޓު ފޮށި ހުންނާނީ ހުޅުމާލޭގައި: އިލެކްޝަންސް


އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ފޮށި ހުންނާނީ ހުޅުމާލޭގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއެކު ހުޅުމާލޭ ދެފިޔަވަހީގައި އެކަނިވެސް މަދުވެގެން ވޯޓުލާ 40 މަރުކަޒު ޤާއިމުކުރަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އިދާރީ މަސައްކަތްތައް އެތެރޭގެ ތާވަލާއި އެއްގޮތަށް ކުރަމުންދާއިރު ވޯޓުލާ ދުވަހު ވޯޓު ފޮށިތައް ބަހައްޓާނެ ވޯޓުލާ މަރުކަޒުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އިންތިޚާބުގެ އެންމެ ގިނަ ވޯޓު ފޮށި ހުންނާނީ ހުޅުމާލޭގައެވެ.

މިގޮތުން ހުޅުމާލޭ ދެފިޔަވަހީގައި އެކަނިވެސް މަދުވެގެން 40 ވޯޓުލާ މަރުކަޒު ޤާއިމުކުރަންޖެހޭކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި ވޯޓުލާ މަރުކަޒުގެ ގޮތުގައި ބޭނުންކުރެވޭނެ ގިނަ ޢިމާރާތްތަކެއް ނެތުމުން އެސަރަޙައްދުގައި ގިނަ ޓެންޓުތަކެއް ޖަހަންޖެހޭނެކަން ހަސަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިސަރަޙައްދުގެ ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބޮޑު ޚަރަދެއް ހިނގާނެކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ، ފައިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައި ގްރޭޓަރ މާލޭ އޭރިއާގައި ބެހެއްޓި ވޯޓު ފޮށިތަކަށްވުރެ އިތުރަށް 60، 70 ވޯޓު ފޮށި އިތުރުވާނެކަމަށް. ހަމައެކަނި ހުޅުމާލޭ އޭރިއާގައި. ޚާއްސަކޮށް ފޭސް2 ގައި މިހާރު ހުރި ވަޞީލަތްތަކަށް ބަލާއިރު އަޅުގަނޑުމެނަށް ޖެހޭނެ އެސަރަޙައްދުގައި ޓެންޓު ޖަހަން." ޙަސަން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ އިދާރީ މަސައްކަތުގެ ތެރެއިން އިންތިޚާބަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން އިންތިޚާބުގައި ޙަރަކާތްތެރިވާނެ މުވައްޒަފުން ހޯދާ ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޢާއްމުކޮށް ދިވެހިން ގޮސް އުޅޭ ޤައުމުތަކުގެ ތެރެއިން ވޯޓު ފޮށިތައް ބަހައްޓަންޖެހޭ ޤައުމުތައް ކަނޑައެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިކަންކަން ހަމަޖެއްސުމަށް ކަމާއި ގުޅުންހުރި މިނިސްޓްރީތަކާއި އިދާރާތަކާއެކު އިލެކްޝަންސްއިން އަންނަނީ މަޝްވަރާކުރަމުންނެވެ. މީގެއިތުރުން އިންތިޚާބުގައި އިލެކްޝަންސްގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް ޕީއެސްއެމްގެ އަޑުގެ ޢިމާރާތުން ބައެއް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.