ޚަބަރު

ޖޭއެސްސީގެ ބިލް މަޖިލީހުގެ އަންނަ ދައުރަށް


ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން އަންނަ ދައުރުގައި ރައްޔިތުން މަޖިލީހަށް ހުށައަޅުއްވަން މަސައްކަތް ކުރަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ޖޭއެސްސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާ އެކަމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް އިސްވެ ކުރަމުން އަންނަނީ އެޓާނީ ޖެނަރަލްގެ އޮފީހުންނެވެ. އެ އޮފީހުންވަނީ މިކަމުގައި ކަމާއި ގުޅޭ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާވެސް މަޝްވަރާކޮށްފައެވެ. އަދި ޖޭއެސްސީ ބަދަލުކުރުމާއި ގުޅޭ ގޮތުން އާއްމުންނަށް ފެންނަ ހިޔާލުވެސް އޭޖީ އޮފީހުންވަނީ ހޯދާފައެވެ.

ޖޭއެސްސީ ބަދަލުކުރުމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެކަމާއި ގުޅޭ ހުރިހާ ފަރާތެއްގެ މަޝްވަރާ ހޯދެއްވުމަށްފަހު އަންނަ އަހަރު ފެށޭ މަޖިލިހުގެ ފުރަތަމަ ދައުރަށް އެ ބިލް ހުށައެޅުވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް

- ރައްޔިތުން މަޖިލީހުގެ ރައީސް
- ރައްޔިތުން މަޖިލީހުގެ މެމްބަރެއް
- ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއް
- އެޓަނީ ޖެނެރަލް
- ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް
- ސުޕްރީމްކޯޓުގެ ފަނޑިޔާރެއް
- ހައިކޯޓްގެ ފަނޑިޔާރެއް
- ދަށުކޯޓްތަކުން ފަނޑިޔާރެއް
- ޤާނޫނީ ވަކީލެއް
- އާއްމުގެ ތެރެއިން މީހެއް

ޖޭއެސްސީއަށް ފެންނަ ގެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން އާންމުންނަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައެވެ. އޭގެ ތެރެއިން 91.3 އިންސައްތަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެމީހުން އެގޮތަށް ދެކޭ މައިގަނޑު 3 ސަބަބެއްވެއެވެ. ފުރަތަމަކަމަކީ ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުމެވެ. ދެވަނަ ކަމަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުމެވެ. އަދި ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބި ކަމަށް ވެސް އާންމުން ޤަބޫލުކުރެއެވެ.

ޢާންމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބު ޖޭއެސްސީގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

އޭޖީ އޮފީހުން ކޯޓުތަކާއި، ގާނޫނީ ވަކީލުންނާއި ވެސް ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގައިވެސް މިކަން ފާހަގަވެފައިވާކަން އޭޖީ އޮފީހުން އާންމުކުރި ކަރުދާހުގައި ވެއެވެ. މި މަޝްވަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ މެމްބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަމަށް އެކަށީގެންވާ އުސޫލެއް ބޭނުންވާކަން ބަޔާންކޮށްފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް، ޖޭއެސްސީ އެކުލަވާލަން އެންމެ ރަނގަޅު ގޮތްކަމަށް ފެންނަ ދެ މޮޑިއުލެއްވެސް ހުށައަޅާފައިވެއެވެ. އެ ދެ މޮޑިއުލްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މެމްބަރު، އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިންނެވުން ވަނީ އުނިކޮށްފައެވެ.