ޚަބަރު

ހުޅުމާލޭގެ އެކި ސަރަޙައްދުގައި ނަގަންޖެހޭ 400 އަށްވުރެ ގިނަ އެއްގަމު އުޅަނދު


ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ 400އަށް ވުރެ ގިނަ އުޅަނދު ހުޅުމާލޭ މަގުމަތިން ނެގުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.

މިމަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެންނެވެ.

ހުޅުމާލެއަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުރި އެކި އުޅަނދުތަކާއި ގުޅޭ ސަރވޭއެއް އެޗްޑީސީއިންވަނީ ކުރިއަށްގެންގޮސްފައެވެ. މިސަރވޭއިން ހުޅުމާލޭގެ ޕާކިންގ ޒޯނުތަކުގައާއި މަގުމައްޗާއި ހުސް ބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ހަލާކުވެ ބޭނުން ނުކުރެވޭ ޙާލަތުގައި ހުރި ގިނަ އުޅަނދުތަކެއް އެޗްޑީސީގެ ސަމާލުކަމަށްވަނީ އައިސްފައެވެ.

އެހެންކަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ދަށުން މަގުމަތީގައާއި އެނޫންވެސް ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން ރަޖިސްޓްރީ ނަމްބަރު ނެތް 370 އުޅަނދަކާއި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 46 އުޅަނދެއް ނެގުމަށް އެޗްޑީސީން މިހާރުވަނީ ނިންމާފައެވެ.


ފޮޓޯއާއެކު އެޗްޑީސީން ޢާއްމުކޮށް ކޮށްފައިވާ ޢިއުލާނުގައިވާގޮތުން ނަގަން ހަމަޖެހިފައިވާ އުޅަނދުތަކުގެ ތެރޭގައި ކާރާއި، ސައިކަލާއި، ޕިކަޕާއި، ވޭން ހިމެނޭއިރު ޢުމްރާނީ ތަރައްޤީގެ އެކި މަސައްކަތުގައި ބޭނުންކުރާ އެކި ވައްތަރުގެ ހެވީ ވެހިކަލްވެސް ގިނަ ޢަދަދަކަށް މަގުތަކަށް ދޫކޮށްލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ގޮތުގައި ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ ޢާއްމުންގެ ބޮޑު ޝަކުވާއެކެވެ. އޭގެ ސަބަބުން ހުޅުމާލޭގެ ރީތިކަން ގެއްލުމާއި އުޅަނދުތައް ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުތަކުގައި އުޅަނދުތައް ދުވުމަކީވެސް ޢާއްމުންގެ ބޮޑު ކަންބޮޑުވުމެކެވެ.