ޚަބަރު

އދ.މަންދޫގައި ސަރުކާރުން ތަަރައްޤީކުރާ ބަނދަރު ނިމުމަކާގާތަށް


ބަނދަރުނެތް ލަފާފުރުމުގެ ދަތިކަން ތަހައްމަލް ކުރަމުންދިޔަ އެތައް ރަށެއްގައި މި ސަރުކާރުން ވަނީ ބަނދަރުތަރައްޤީކޮށް އެ އުފާ ރައްޔިތުންނަށް ހޯދާދީފައެވެ. އދ.މަންދޫއަކީވެސް މީގެ ކުރިން ލަފާފުރުމަށް އެތައް ގޮންޖެހުމެއް ކުރިމަތިވި ރަށެކެވެ. އެރަށުގައިވެސް މިހާރު ސަރުކާރުން މިވަނީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާ ނިމުމަކާ ގާތަށްގޮސްފައެވެ.

ދަތުރުފަތުރުގެ ނިޒާމުން މުޅިރާއްޖެ ގުޅާލުން އެއީ މިސަރުކާރުގެ މުހިންމު އެއްވައުދެވެ. އެކަން ހާސިލް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއްމަޝްރޫއަކީ ލަފާ ފުރޭނެ ފަސޭހަ ޒަމާނީ ބަނދަރުތަކެއް ތަރައްޤީ ކުރުމެވެ. އެއީ އެކަން ކޮށްގެންނޫންގޮތަކަށް ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަކީ އެންމެ އެދެވޭގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވާތީއެވެ. މިހާތަނަށް އައިރު މިސަރުކާރުން ވަނީ ލަފާފުރުމުގެ ދަތިކަން އިޙްސާސް ކުރަމުންދިޔަ 46 ރަށެއްގެ ބަނދަރު ތަަރައްޤީކޮށްފައެވެ. އަދި އިތުރު 35 ރަށެއްގައި ބަނދަރު ތަަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އދ މަންދޫއަކީވެސް މީގެ ކުރިން ބަނދަރެއް ނެތް ރަށެކެވެ. އެރަށު މީހުން ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަނީ ގުދުރަތީގޮތުން ހެދިފައި އޮންނަ ބަނދަރެކެވެ. އަދި އެބަނދަރަށް އުޅަނދުތައް ކައިރިކޮށް މީހުން ފޭބުމަށް އޮންނަނީ ފާލަމެކެވެ. އެވެސް އާންމު ފަރާތަކުން އެރަށުގައި ހަދާފައި އޮންނަ ފާލަމެކެވެ.

މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ ހުޅަނގު މޫސުމަށް ރަށުގެ ގުދުރަތީ ފަޅު ބޭނުން ކުރެވުނަސް އިރުވައި މޫސުމުގެ ގަދަ ދުވަސްތަކުގައި ރައްޔިތުން އޮޑި ދޯނިފަހަރު ކައިރީގައި ހޭލާތިބޭކަމަށެވެ. އެއީ ރައްކާތެރި ބަނދަރެއް ހެދިފައި ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެއަކަސް މިއަހަރުގެ އިރުވައި މޫސުމަށް އެރަށުގެ އޮޑިވެރިން އޮޑިދޯނިފަަހަރު ބަލަން ހޭލާ ތިބެންޖެހޭޖެހުން މިސަރުކާރުންވަނީ ނިމުމަކަށްގެނެސްދީފައެވެ. މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ މަންދޫގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިދިޔައަހަރުގެ ޑިސެމްބަރުމަހު ފަށާ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. އެހެންކަމުން މިއަހަރުގެ އިރުވައި މޫސުމުގެ އޮޑިދޯނިފަހަރު މިހާރު ހަދަމުންދާ ބަނދަރުގައި އަޅަމުން ދާކަމަށެވެ.

"އެއީ ރައްޔިތުންގެ މުދަލަށް ލިބުނު ރައްކާތެރިކަމެއް، މީގެކުރިން މިރަށު މީހުން އުޅުނީ ވަރަށް ހާލުގައި އެކަމު ސަރުކާރުން ކުރިއަށްގެންދާ ބަނދަރުގެ މަސައްކަތާއެކު ރައްޔިތުންނަށް މިހާރު އުފާވެރިކަން ލިބިއްޖެ، އަރާފޭބުމަށް ފަސޭހަތަކެއް ވެގެންގޮސްފި" މަންދޫ ކައުންސިލްގެ ރައީސް އަޙުމަދު ސައީދު ވިދާޅުވިއެވެ.

މަންދޫގައި ސަރުކާރުން ތަަރައްޤީ ކުރަނީ 700 ފޫޓް ދިގު 300 ފުޅާ ބަނދަރެކެވެ. މި ބަނދަރުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ. އެކުންފުނިން ބުނީ މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 އިންސައްތަ ނިމިފައިވާކަމަށެވެ. އެގޮތުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިންއާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ބަނދަރެއް ނެތް މަންދޫ ރައްޔިތުން މިހާރު ކުރާ އެންމެ ބޮޑު އުންމީދަކީ ސަރުކާރުން އެރަށުގައި ތަރައްޤީ ކުރާ ބަނދަރުނިމި އެއުފާ ރައްޔިތުނަށް ލިބުމެވެ. އެރަށުގައި ތަރައްޤީ ކުރާ ބަނދަރު ހަދަނީ އެރަށުގެ ރީތި ހިތްގައިމު ގޮނދުޑޮށް ނުގެއްލޭނެހެންނެވެ. މިމަޝްރޫއުގެ އަގަކީ 31.08 މިލިއަން ރުފިޔާއެވެ.