ޚަބަރު

ވޭތުވެދިޔަ 5 އަހަރުތެރޭ ކެންސަރަށް މަގުފަހިކުރާ ގަސްކާނާ އެތެރެކުރި މިންވަރު އިތުރު


ވޭތުވެދިޔަ 5 އަހަރުތެރޭ ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތައް ނުވަތަ ގަސްކާނާ ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހާމަކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ކެމިކަލް އެތެރެކުރާ މިންވަރު ދިރާސާކޮށް މިއަދު އިފްތިތާޙްކުރި ބޭސްލައިން ކެމިކަލް އެސެސްމަންޓް ރިޕޯޓުގައެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ނުވަތަ ގަސްކާނާ އަކީ ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ފޯރުކޮށްދޭ އިތުރު މާއްދާތަކެވެ. މިއީ ދަނޑުވެރިން ކޮންމެ ދުވަހަކުވެސް ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުކުރުމަށް ބޭނުންކުރާ އެއްޗެކެވެ.

އެންވަޔަރަމަންޓްގެ ދިރާސާ ރިޕޯޓުގައިވާގޮތުން، ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު ކެމިކަލް އެތެރެކުރި މިންވަރު މަދުވި ނަމަވެސް، އެ އަހަރު ރާއްޖެއަށް އެތެރެކުރި ޖަރާސީމު މެރުމަށް ބޭނުންކުރާ ޑިސްއެންފެކްޓަންޓާއި ބޭހުގެ ބާވަތްތައް އަދި ގަސްކާނާގެ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، އެއަހަރު ގާތްގަންޑަކަށް 17000 މެޓްރިކް ޓަނުގެ ގަސްކާނާ އެތެރެކޮށްފައިވާ ކަމަށް އެމިނިސްޓްރީގެ ރިޕޯޓުގައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިޕޯޓުގައި ވާގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް ނުވަތަ ގަސްކާނާ ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެގޮތުން، 2019 އަހަރު ގާތްގަނޑަކަށް 15500 މެޓްރިކް ޓަނުގެ ގަސްކާނާ އެތެރެކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިޕޯޓުގައި ވާގޮތުން 2017 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 11 ބާވަތެއްގެ ގަސްކާނާ އެތެރެކޮށްފައިވެއެވެ. އެއީ ޖުމަލް 1393.70 މެޓްރިކް ޓަނުގެ ގަސްކާނާއެވެ.

ދަނޑުވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ގިނަ ގަސްކާނާތަކުގައި މައިގަނޑުގޮތެއްގައި ހިމެނެނީ ތިން މާއްދާއެކެވެ. އެއީ ނައިޓްރޯޖަން، ފޮސްފަރަސް އަދި ޕޮޓޭސިއަމްއެވެ. އަދި ބައެއް ފާޓިލައިޒަރުތަކުގައި ގަސްގަހާގެހި އުފެދުމަށް ބޭނުންވާ ޒިންކް ފަދަ ބާވަތްތައް އެކުލެވިގެންވެއެވެ. މިބާވަތްތަކުގެ ފާޓިލައިޒަރތަކަކީ ގަސްތައް ހެދިބޮޑުވުމަށް ބޭނުންވާ މާއްދާ ފޯރުކޮށްދީ ނުރައްކާތެރި ސޫފާސޫފިން ރައްކާތެރިކުރުމަށް ބޭނުންކުރާ ތަކެއްޗެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާތަކަކީ ގަސްގަހާގެއްސައް ފައިދާ ލިބުނު ނަމަވެސް، ގަސްކާނާތަކުގައި ހިމެނޭ މާއްދާތަކަކީ ހަންގަނޑާއި ނޭވާލާ ނިޒާމަށް ވިހަ މާއްދާތަކެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަށީގެންވާ ވަރަށްވުރެ ގިނައިން ފާޓިލައިޒަރ ބޭނުންކުރުމުން ގަސްތަކަށް ގެއްލުންވެ، ބިންގަނޑަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި މިދިރާސާގައިވާ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި ކެމިކަލް މާއްދާތަކާއި އުފެއްދުންތައް ވަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ރާއްޖެއަށް 10 ބިލިއަން ރުފިޔާގެ ކެމިކަލް އެތެރެކޮށްފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. މީގެތެރެއިން 7 ބިލިއަން ރުފިޔާ ހިއްސާކުރަނީ ހަކަތަ އުފެއްދުމަށް އެތެރެކުރި ކެމިކަލްއަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، ސޫފާސޫފި މަރަން ބޭނުންކުރާ ކެމިކަލް އެތެރެކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިބާވަތުގެ ކެމިކަލް އެތެރެކުރި މިންވަރު 2017 ވަނަ އަހަރާއި އަޅާބަލާއިރު %462 އިތުރުވެފައިވާކަމަށް އެރިޕޯޓުގައިވެއެވެ. އަދި "އިންޓަނޭޝަނަލް އެޖެންސީ ފޯރ ރިސާޗް އިން ކެންސަރ"ގެ ފަރާތުން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ސޫފާސޫފި މަރާ ކެމިކަލް 2021 ވަނަ އަހަރު އެތެރެކޮށްފައިވާ ކަމަށް އެރިޕޯޓުގައިވެއެވެ.

މީގެއިތުރުން، ކެންސަރަށް ފަހިވާ ކެމިކަލްތައް ކަމަށްވާ އެސްބެސްޓޯސް އަދި އޮޑިދޯނި ފަހަރު ބަނުމަށް ބޭނުން ކުރާ ސްޓައިރީން ރާއްޖެ އެތުރުކުރި މިންވަރުވެސް އިތުރުވެފައިވާކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި މާއްދާތައް ބޭނުންކުރާ ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މިފަދަ ކުނިނައްތާލުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސިއްޙަތަށް މިމާއްދާތަކުން ނޭދެވޭ އަސަރުކުރާނެކަމަށާއި މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ ވަނީ ގޮވާލާފައެވެ.